އިބްރާހިމް ޒަކީ
މޯލްޑިވްގޭސް ކުންފުނިން، ރާއްޖޭން ބޭރުން ގޭސް ގަތުމުގައި 50 މިލިޔަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ނިންމައިފިއެވެ.
މޯލްޑިވްސް ގޭސް އިން ރާއްޖޭން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަން މައްސަލަތަކެއް އުޅޭކަމަށް ފާހަގަވާ މައްސަލައެއް، އެސްއޯއީ ކޮމިޓީން ދަނީ ބަލަމުންނެވެ.
އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްގޭސް އިން ހުށަހަޅާފައިވާ މައުލޫމާތުތައް ދިރާސާ ކުރިއިރު، މައި ކުންފުނިން ގޭސް ގަތުމުގެ ބަދަލުގައި ތިންވަނަ ޕާޓީއަކުން ގޭސް ގަނެގެން ރާއްޖެ އެތެރެ ކުރުމުގެ ސަަބަބުން ބޭކާރު ގޮތުގައި ކޮންމެ ޝިޕްމަންޓަކަށް ބޭކާރު ގޮތުގައި އެތައް ފައިސާއެއް ދައްކަންޖެހޭކަން ވަނީ ފާހަގަ ކުރެވިފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ތިންވަނަ ޕާޓީއެއްގެ އަތުން ގޭސް ގަނެގެން ގެނައުމުގެ ސަބަބުން ކޮންމެ ޝިޕްމެންޓަކުން 130،000 ޑޮލަރުގެ ގެއްލުމެއް ކުންފުނިން ދައްކަން ޖެހޭ ކަމަށާއި އެއީ ކޮރަޕްޝަނަށް މަގުފަހ ކުރުމެއް ކަމަށެވެ.
އެ ކޮމިޓީގެ އިތުރު މެންބަރެއް ކަމަށްވާ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ މައި ކުންފުނިން ގޭސް ގަނެގެން ގެނައުމުގެ ބަދަލުގައި ތިންވަނަ ޕާޓީއެއްގެ އަތުން ގޭސް ގަނެގެން ގެނައުމުގެ ސަބަބުން ކޮރަޕްޝަންގެ ގޮތުގައި އެތައް ފައިސާތަކެއް ކުންފުނިން ހަރަދު ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ފަންސާސް މިލިޔަން ފުރިޔާގެ ހިޔާނާތް ހިމެނޭގޮތަށް އެކަން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގޭސް އޯޑަރުކޮށްފަ ހުރި ތާރީހުތަކުގައި މާކެޓް ޕްރައިޒް ހުރި ވަރު ބަލާއިރު އެވްރެޖް ޕްރައިޒް މި ޖެހެނީ ގާތްގަނޑަކަށް މިޖެހެނީ 597 ޑޮލަރު ގަނެފަހުރި ޓަނެއްގެ އަގު މިގެޖެނީ 477 އަށް ދެން އޭގެ ޑިފަރެންސެއް ކަމަށް ބެލެވެނީ އޭގެ ފްރައިޓް ޕްރިމިއަމް އެއީ 120 ޑޮލަރު، އެއީ ޝެލް އިން ޑައިރެކްޓްކޮށް ގަތްއިރު، ދެން މި ދެންނެވި ތާޑްޕާޓީ މެދުވެރިކޮށް ގަންނަން ފެށިފަހުން އެ ވޭރިއޭޝަން މިއުޅެނީ ވަރަށްބޮޑު ތަތުން ބޮޑުވެގެން ގޮސްފަ ފްރައިޓާއި ޕްރިމިއަމްގެ އަދަދު އެޑިފެރެންސަށް ބަލާއިރު އެބައުޅޭ 300 ޑޮލަރާއި 240 ޑޮލަރާ ދެމެދުގައި ހިފޭއްޓިފަ،" ނާޝިޒު ވިދާޅުވިއެވެ.
އެހެންކަމުން ތާޑް ޕާޓީގެ އަތުން ގޭސްގަތުން ވަގުތުން ހުއްޓުވުމަށާއި، އެކަން ހިނގިގޮތް ބެލުމަށް އެ ކުންފުނީގެ އިސް ފަރާތައް ކޮމިޓީއަށް ހާޒިރު ކުރުމަށާއި، ބޭކާރު ފައިސާތަކެއް އެކަމަށް ކުންފުނިން ހަރަދުކުރި މައްސަލަ ބެލުމަށް އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ނާޝިޒު ހުށަހެޅުމުން ކޮމިޓީން ވަނީ އެގޮތަށް ފާސްކޮށްފައެވެ.