ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ޝަކުވާއެއް ބެލުމަށްފަހު، އެ ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމައިފިއެވެ.
ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފަނޑިޔާރުންގެ އެކި މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައިވެއެވެ.
ސަރުކާރުގެ ފަސް އަހަރު ދުވަހަށް އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވަނީ 2021ގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް އަމާޒު ހިފައިފައެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި އެ ކޮމިޝަނުގެ 68 ވަނަ ބައްދަލުވުމުގައި ނަސޭހަތް ދޭން ނިންމި ތިން ފަނޑިޔާރުންގެ ތެރޭގައި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފުވެސް ހިމެނިވަޑައިގަންނަވައެވެ.
މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް އޭނާއެވެ. އަރީފުގެ އިތުރުން ޖޭއެސްސީން ނަސޭހަތް ދޭން ނިންމި އަނެއް ދެބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އަބްދުﷲއެވެ.
މި ތިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ޖޭއެސްސީން ބެލީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް މިއީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިން ދެވަނަ ފަހަރެވެ.