ޚަބަރު

އިންކަމް ޓެކްސް ނަގަން ހުށަހަޅަނީ 40،000އިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން: ފިނޭންސް

ފަތޯނާ ފާއިޒު

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ 40،000 އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ ސަރުކާރުން ހުށަހެޅީ 40،000އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އެގޮތުން، އެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ އަށެއް އިންސަތަ، އިންކަމް ޓެކްސްގެ ގޮތުގައި ނަގަން ވަނީ ހުށަހަޅައިފައެވެ. އެއީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިންކަމްޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ގޮތް:

*40،000އާއި 60،000 ރުފިޔާއާއި ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ އަށް އިންސައްތަ ނެގުން

*60،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ 10 އިންސައްތަ ނެގުން

*100،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ 15 އިންސައްތަ ނެގުން

މި އުސޫލުގެ ދަށުން 40،000 ރުފިޔާއިން ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްއެއް ނުނަގާނެއެވެ.

ފަގީރުންނާއި މުއްސަނދީންގެ މެދުގައި އޮންނަ ފަރަގު ކުޑަ ކުރުމަށްޓަކައި އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެބިލު، މި ދައުރުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.