ޚަބަރު

އައްޑޫ ފްލެޓުތައް ލިބުނު މީހުންގެ މެދުގައި، ގުރުއަތުލަނީ

ފަތޯނާ ފާއިޒު

އައްޑޫ ސިޓީއިން ދޫކުރާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށްޓަކައި މިއަދާ މާދަމާ ގުރުއަތުލުން ބާއްވަން ނިންމައިފިއެވެ.

ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓާއި، ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ މިރެއާއި މާދަމާ ރޭގެ ވަގުތެއްގައި ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން އޮންނާނީ މިރޭ 20:30ގައި ނޫރާނީ ސްކޫލްގައެވެ. އަދި ހުޅުދޫގައި އަޅާފައިވާ 48 ފްލެޓު ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން އޮންނާނީ މާދަމާ ރޭ 10:00ގައި ހުޅުދޫ ސްކޫލްގައެވެ.

އައްޑޫ ސިޓީ ހިތަދޫގަ އާއި ހުޅުދޫގައި އިމާރާތް ކުރި ފްލެޓުތައް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެހެންނަމަވެސް އެ ފްލެޓްތައް ދޫކުރުން ލަސްވެގެން ދިޔައީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފަދަ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި 1،500 ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފައެވެ.