ކޮރަޕްޝަން ފަޅާ އަރުވާލާ މީހުން (ވިސްލް ބްލޯކުރާ ފަރާތްތައް)ނަށް ހިމާޔަތްދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބުދުﷲ ހުށަހެޅުއްވި، މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 70 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލުގައި "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ހާއްސަ ޔުނިޓެއް އުފެއްދުމަށް ވަނީ ހިމަނައިފައެވެ.
ކޮރަޕްޝަން ފަޅާ އަރުވާލާ ފަރާތްތައް ހުމާޔަތް ކުރުމަށް މި ބިލުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވީނަމަވެސް ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުގެ ކުރިން ވިސްލްބްލޯ ކޮށްފައިވާ ފަރާތްތަކަށް އެ ގާނޫނު ނުހިނގާނެ އެވެ.
ބިލުގައި ބުނެފައިވަނީ އިންސާނީ ހައްގަކަށް އަރައިގަންނަ ކަން އެނގުމާއި، ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ މައުލޫމާތުގެ އިތުރުން ހިޔާނާތާއި މަގާމްގެ ނުފޫޒު ފޯރުވުމުގެ މައްސަލައެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާ ފަދަަ ކަމެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ހާމަ ކުރާ ފަރާތްތަކަށް ދައުލަތުން ހިމާޔަތް ދޭން ޖެހޭނެ ކަމަށެވެ.
ޒިރޯ ޓޮލަރެންސްގެ ދަށުން ވިސްލްބްލޯ (ކޮރަޕްޝަން ފަޅާ އަރުވާލާ) ކުރާ މީހުނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭނެ ގޮތެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.