ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ވުމެން އެންޑް ޑިމޮކްރެސީ އިން ގޮވާލައިފި އެވެ.
އެ ޖަމްއިއްޔާ އިން ރޭ ކުރި ޓްވީޓެއްގައި ވަނީ ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ އިންސާފުވެރި ފުރިހަމަ ތަހުގީގެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވެނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމަށެވެ. އެހެންވެ އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރާއްޖެއިން ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިބި ސަފީރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ގޮވާލާފައެވެ.
ވުމެން އެންޑް ޑިމޮކްރެސީ އިން ކުރި ޓްވީޓުގައި ވަނީ އާސިމް އިސްތިއުފާދެއްވުމަށް އެބޭފުޅުން ގޮވާލި ގޮވާލުމަށް ތާއީދު ކުރާ ކަމަށް ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޖިންސީ ފުރައްސާރަކުރި މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.