ޚަބަރު

ކުރީ ސަރުކާރުގެ ދޯދިޔާކަމުން ބިލިޔަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދައްކައިފިން

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ކޮންޓްރެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ދޯދިޔާ ކަމުގެ ސަބަބުން ބަދަލުގެ ގޮތުގައި އެކި ގޮތްގޮތުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާބިޓްރޭޝަން މައްސަލަތަކަށް އާބިޓްރޭޝަން އެވޯޑު ދައްކައި ހަލާސްކޮށްފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރަންވި އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކާފައިވާ ކަމަށާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހުނު 26.1 މިލިއަން ރުފިޔާ މި ސަރުކާރުން އެކި ފަރާތްތަކަށް ދައްކާފައިވާ ކަމަށެވެ.

އަދި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވެ ހަވާލު ނުކުރި މައްސަލައާ ގުޅިގެން ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ފައިސާ ދައްކާފައިވަނީ މިދިޔަ ޖުލައި މަހު އެވެ.

އަމީރު އިތުރަށް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ ގޮތުގައި ގާތްގަނޑަކަށް 15.2 މިލިއަން ރުފިޔާ މި ސަރުކާރުގެ ވައުދާ އެއްގޮތަަށް މާފުކޮށްފައިވާ ކަމަށެވެ.