މެޓް އޮފީސް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މަރިޔަމް ޝަހުދާ

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު 11:35 އިން 16:35 އަށް ވައިޓް އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި 11:35 އިން 16:35 އަށް މި ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.

ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.

ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ރެޑް އެލާޓް ނެރުމާއެކު އެ ސަރަހައްދަކުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ޖެހެއެވެ. އަދި ރެޑް އެލާޓް ނެރެފައި އޮއްވައި ކަނޑު ދަތުރު ކުރުމަކީ މަނާ ކަމެކެވެ.

ގްރީން އެލާޓަކީ މޫސުން ރަނގަޅުވުމުން ކުރިން ނެރުނު އެހެން އެލާޓްތައް ކެންސަލް ކުރަން ނެރޭ އެލާޓެކެވެ.