ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ބޭނުމަކީ އެމްޓީސީސީ އަކީ ރަނގަޅު ގާބިލު ކުންފުންޏަކަށް ހެދުން: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ބޭނުންވަނީ، އެމްޓީސީސީއަކީ ރަނގަޅު، ގާބިލު ފައިދާވާ ކުންފުންނަކަށް ހަދަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުހައްމަދު ރަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ، ސަރުކާރުގެ 1.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓް އެމްޓީސީސީއަށް އެވޯޑު ކޮށްފައި ވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ކުދި ވިޔަފާރިތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ބެހޭގޮތުންނެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެމްޓީސީސީ އޮތީ 600 މިލިޔަން ރުފިޔާގެ ގެއްލުމުގައި ހިންގާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި، އެހެން ކޮންޓްރެކްޓަރުންނަށް ނުކުރެވޭ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު އެމްޓީސީސީ ދިޔައީ ވަރަށްބޮޑު ތަނުން ގެއްލުންވަމުން އޭރު، އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު ގާތް ގަނޑަކަށް 600 މިލިޔަން ރުފިޔާގެ ގެއްލުމުގަ އެމްޓީސީސީ ހިންގަމުން އައީ، އަޅުގަނޑުމެން ބޭނުންވީ އެމްޓީސީސީ އަކީ ފައިދާވާ ކުންފުންޏަކަށް ހަދަން، އެހެން ހެދުމަށްޓަކައި އެބަޖެހޭ އެމްޓީސީސީ އަށް ޕްރޮޖެކްޓް ތަކެއް ދޭން، އެގޮތުން އަޅުގަނޑުމެން ރާއްޖޭގެ އެހެން ކޮންޓްރެކްޓަރުންނަށް ނުކުރެވޭ މަސައްކަތްތަކާއި އަދި ޓެންޑަރިންގ ޕްރޮސެސްގައި އެމްޓީސީސީ ވެސް ހިމަނައިގެން ލިބުނު ޕްރޮޖެކްޓްތަކެއް އަޅުގަނޑުމެން ވާނެ އެމްޓީސީސީއަށް ދީފަ،" މިނިސްޓަރު ވިދާޅުވިއެވެ.

ގިނަ ޕްރޮޖެކްޓްތަކެއް އެމްޓީސީސީއަށް އެވޯޑު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ކުދި ވިޔަފާރިތަކަށް ކުރިމަތިވާނެ ކަންތައްތައް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީގެ ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން ސަބްކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ލިބި، ރަށްރަށުގައި ގިނަ ވަޒީފާތަކެއް އުފެދި އޭގެ ފައިދާ ކުރަމުންދާނެ ކަމަށެވެ.

"އެމްޓީސީސީން އެ މަސައްކަތްތައް ކުރަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ވަޒީފާގެ ފުރުސަތުތައް އުފެދޭނެ ގޮތަށް، އޭގެ އިތުރުން ސަބް ކޮންޓްރެކްޓަރުންނަށް ވެސް ފެއާގޮތަށް ޓްރާންސްޕޭރެންޓް ގޮތަށް އެކަންތައްތައް ކުރިއަށް ގެންދެވިގެން، ރާއްޖޭގެ އެހެން ކޮންޓްރެކްޓަރުންނަށް ވެސް އޭގެ ފައިދާތަކެއްކުރާނެ، ކުރަމުން އެދަނީ، ހަމައެކަނި އެމްޓީސީސީއަކަށް ނޫން ވަރަށްގިނަ ކޮންޓްރެކްޓަރުންނަށް ވަނީ މަސައްކަތް ހަވާލު ކުރެވިފަ، އެހެންކަމުން ރަށްތަކުގެ އިގުތިސާދު ވެސް ކުރިއަރައިދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.