ޚަބަރު

އެއާޕޯޓުގައި އަލަށް ހަދާ ކަގޯ އިމާރާތުން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ބެއިނޖިން އާރބަން ކޮންސްޓްރަކްޝަން ގުރޫޕުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ކާގޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓުނު ކަމުގެ ރިޕޯޓު މިއަދު ހެނދުނުގެ 08:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ހަމަ އެ ވަގުތު އެމީހާއަށް އެއާޕޯޓުން ފަސްޓްއެއިޑް ދޭން ފެށި ކަމަށެވެ.

އެއާޕޯޓުގެ ފަސްޓްއެއިޑާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އިންޓާނަލް ބްލީޑް ވަމުންދާ ކަމަށާއި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 27 އަހަރުގެ ބަނގްލަދޭޝް މީހަކަށް ކަމަށާއި އިތުރު ފަރުވާ ދިނުމަށް އެމީހާ މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.