ޚަބަރު

މުއްދަތަށްވުރެ އިތުރަށް ޑރ.ވަހީދު ވެރިކަމުގައި ހުންނެވިކަމަށްބުނާ މައްސަލައެއް ކޮމިޓީން ބަލަން ފަށައިފި

އިބްރާހިމް ޒަކީ

ހަތެއް ފެބްރުއަރީ 2012 ވަނަ އަހަރު ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އެމަނިކުފާނު ވެރިކަމުގައި ހުންނަވަންޖެހޭ މުއްދަތަށްވުރެ އިތުރަށް ވެރިކަމުގައި ހުންނެވި ކަމަށްބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އޭރު ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވިދާޅުވީ ކޮމިޓީން އެމައްސަލަ ބަލަނީ ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން ކަމަށެވެ.

ވެރިކަމުގައި ހުންނެވޭ މުއްދަތަށްވުރެ ހަ ދުވަސް އިތުރަށް ކުރީގެ ރައީސް ޑރ. ވަހީދު ވެރިކަމުގައި ހުންނެވި މައްސަލައެއް ބަލަން އެސިޓީގައި އެދިފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"7 ފެބްރުއަރީ 2012 ގެ ފަހުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ޑރ. މުހއްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުރެވޭ މުއްދަތަށްވުރެ ހަ ދުވަސް އިތުރަށް ވެރިމުގައި ހުންނެވުމުން އެމައްސަލަ ބައްލަވައި ދެއްވުމަށްއެދި ފޮނުވާފައިވާ ސިޓީއެއް ދިރާސާ ކުރައްވަމުން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެމައްސަލަ ބަލައިދިނުމަށް އެދި ސިޓީ ފޮނުއްވީ ކޮން ފަރާތެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

ރައީސް ނަޝީދުގެ ނާއިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ފެބްރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެހެންކަމުން ޑރ.ވަހީދުގެ ވެރިކަމުގެ ދައުރު ގާނޫނީ ގޮތުން ހަމަވެފައިވަނީ 11 ނޮވެމްބަަރު 2013 އަށެވެ. ނަަމަވެސް އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އެ ދުވަހުގެ ކުރިން ބޭއްވޭ ގޮތް ނުވުމުގެ ސަބަބުން ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކާ ގުޅިގެން ޑރ.ވަހީދު ވަނީ، 17 ނޮވެމްބަރު 2013ގައި ރައީސް އަބްދުﷲ ޔާމީން ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް ރައީސްކަމުގެ މަގާމުގައި ހުންނަވައިފައެވެ.

އެ މައްސަލައާ ގުޅިގެން، ރައީސް ވަހީދުގެ ވެރިކަމުގެ ދައުރު ހަމަވެއްޖެ ކަމަށް، އިދިކޮޅު ޕާޓީގެ ގޮތުގައި އޭރު އޮތް އެމްޑީޕީ އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހުންނެވި ރައީސް ނަޝީދު ގޮވާލައްވަމުން ގެންދެވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިިހުގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުކުރުމަށް އެބޭފުޅުން ގޮވާލެއްވިއެވެ.