ޚަބަރު

150 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި ބޯޓުން އެތަކެތި ނަގަން ދިޔަ ރާއްޖޭގެ ދޯޏެއް ހިފަހައްޓައިފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ކޯސްޓްގާޑާއި، ރާއްޖެ އަދި ސްރީ ލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯ ގެ މަސްތުވާތަކެއްޗާއެކު ދަތުރު ކުރި ބޭރުގެ ބޯޓެއް އަތުލައިގެންފައިވާއިރު، އެ ތަކެތި ނެގުމަށް އެ ބޯޓާ އެކު ހަރަކާތްތެރިވަމުން ދިޔަ ރާއްޖޭގެ ދޯންޏެއް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މަސްތުވާތަކެއްޗާއެކު ދަތުރު ކުރި ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު (27.5 ނޯޓިކަލް މޭލު، ރާއްޖޭގެ އީއީޒެޑްގެ އެތެރެއިން) ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުންނެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން ކަމަށާއި، ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓުގެ އިތުރުން ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މި އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށާއި މިރޭގެ ވަގުތެއްގައި އުޅަނދު މާލެ ގެނެވޭނެ ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާކަމަށާއި އުޅަނދުގެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް މައުލޫމާތުދިނެވެ.

އެމްއެންޑީއެފް އިން ބުނީ މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިބިކަމަށާއި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިބިކަމަށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" ގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕްރޭޝަން ގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ 150 ކިލޯއަށް ވުރެ ގިނަ ހިރޮއިން އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އެ ބޯޓުން މިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ދެ ޕެކެޓް ހިރޮއިން ހޯދައިފައިވާ ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.