އަދާލަތު ޕާޓީން ސަރުކާރާއެކު ދެމިއޮންނަ ސަބަބަކީ އިސްލާމްދީން ނަގަހައްޓާނެކަމުގެ އިތުބާރު އޮތުމުން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ، އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން ލިޔެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ޝާއިއުކުރި ރިޕޯޓާ ގުޅިގެން ގާނޫނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެކަމަށް ތައުރީފު ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން މިރޭ ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ދީނުގެ މަސްލަހަތު ނަގަހައްޓައި ގާނޫނުގެ ވެރިކަން ރައީސް ސޯލިހުގެ ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ.
"އިސްލާމްދީނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރައީސް ސޯލިހު ނަގަހައްޓަވާނެކަމުގެ ފުރިހަމަ އިތުބާރު އޮތުމަކީ އަދާލަތު ޕާޓީގެ ސަރުކާރާއެކު ސާބިތުވެ ދެމިއޮންނަ ސަބަބު،" ރައީސް ސޯލިހުގެ ޓެގްކުރައްވާ އިމްރާން ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ފުށު އަރާ، އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެމައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަ ކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭނެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ދީނީ ޝިއާރު ފާޅުކުރުމުގަ އާއި ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެތި އަސާސްތަކާއި ހިލާފު ނުވުމަށް އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.