ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓު މޫލާފައިވަނީ މި ސަރުކާރުގެ ތެރެއަށް ކަމަށާއި ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އަޅަން މި ސަރުކާރަށް ނުކެރޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން މިރޭ ގެނެސްދިން ''ސިޔާސީ ދައުވާ'' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުން އެކަމާ ބަހުސް ކުރުމުގެ ތެރޭގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ބަދުނާމު ވެގެން ހިނގައްޖެ ކަމަށާއި އަދި އެކަމާ ގުޅިގެން އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބަޔާނެއް ނެރެން މަޖުބޫރުވެގެން ދިޔަ ކަމަށެވެ.
އެހެންކަމުން މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ނަސްރު ލިބިގެންދިޔަ ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އެމްޑީޕީއަށް ދެއްކޭނެ ހަރުދަނާ މާ ގިނަ ވާހަކަތަކެއް ނެތް ކަމަށާއި ފަރިތަވެފައި އޮތީ ރައީސް ޔާމީންގެ ވާހަކަ ދެއްކުމަށް ކަމަށް ވިދާޅުވިއެވެ.
''މި ސަރުކާރު ވެރިކަމަށް އައީ ހަމަ ސީދާ ބޭރުގެ އެހީއާ އެކީގައި. ބޭރުން ފަންޑުކޮށްގެން އައި ސަރުކާރެއްމީ. އެހެންވީމަކާ މިސަރުކާރަކަށް ފަސޭހައެއް ނުވާނެ ލާދީނީ ފިކުރުގެ ވާހަކަ ދައްކާކަށް. ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅާ ދިއުމުގެ ފިކުރުގެ މައްސަލާގައި އަޅުގަނޑުމެން ހަމަ މި ވަކާލާތުކުރާ ގޮތަށް އަޅުގަނޑުމެން އެބަޖެހޭ ލާދީނީ ފިކުރުގެ ވާހަކަދައްކަން... އޭގެ މައިގަނޑު މައްސަލަތައް އެހުރީ ސީދާ މިހާރުގެ ސަރުކާރުގެ ތެރޭގައި މޫލާފައި. އެ ނައްޓާލަން ވަރަށް އުނދަގުވާނެ އެކަމާ ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަން އުނދަގޫވާނެ.'' އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެން އެ މައްސަލަ ހުއްޓުވަން އޮންނާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތައް ކަމަށާއި ރިޕޯޓުގެ މައްސަލަ ނެގުމުން އެ ތަންތަނުން ވެސް ފެންނަމުންދަނީ ގާނޫނީ މައްސަލަތައް ނަގައިގެން މައްސަލަ ލަސްކުރާތަން ކަމަށެވެ. އަދި ރާއްޖޭގައި ލާދީނީ ޖަމާއަތްތަކުން ބޮޑެތި އިންޖީނުތައް ބަހައްޓައިގެން ކުރަމުންދާ އެ މަސައްކަތް މިހާރު ނުހުއްޓުވައިފިނަމަ އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ޖީލުތަކަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
''ދައުލަތުގައި ހުރި އެންމެ ހައްސާސް މުއައްސަސާތަކުގައި ތިބީ އެމްޑީއެންއަށް ނިސްބަތްވާ މެމްބަރުން...ފަހު ބަސް ބުނަން ހުރި މުއައްސަސާތަކުގައި ތިބީ އެމްޑީއެންއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން. އެހެންވީމަ މާދަމާވެސް މިތަނުގައި އެހެން ދީނެއް ފަތުރަން މަސައްކަތް ކުރަން އުޅެފި ކަމަށްވެއްޖެއްޔާ އެއްވެސް ޔަގީންކަމެއް ނެތް އެމްޑީޕީގައި ތިބި މަޖިލިސް މެންބަރުންގެ ތެރެއިން މެޖޯރިޓި ބޭފުޅުން އެއަށް ނޫނެކޭ ބުނާނެ ކަމުގެ،'' އާދަމް ޝަރީފު ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ސަރުކާރުން ފިޔަވަޅަން ފަސޭހަ ނުވާނެ ކަމަށާއި އެ ރިޕޯޓު ސަރުކާރުގެ ތެރެއަށް މޫލާފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއިރު، އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު އެ މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ނޫޝީން މިހާރު ވެސް ހުންނެވީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައެވެ. އަދި އެމްޑީއެންގެ ރައީސާ ޝަހިންދާ އިސްމާއީލަކީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަލައި ޖަލުތައް އޮޑިޓް ކުރުމަށް ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނުގެ މެމްބަރެކެވެ.