ނަކަލު ކޮށްފައިވާ ވޯކް ވިސާ ކާޑުތަކެއް ރާއްޖެ އެތެރެކުރަން އުޅުނު ބިދޭސީއަކު މޯލްޑިވްްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭނާ ހުއްޓުވީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. ނަމަވެސް އެކަން ބަލަމުންދާތީ، އެ މައްސަލާގައި ހުއްޓުވާފައިވަނީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ހުއްޓުވި މީހާގެ އެއްވެސް މައުލޫމާތެއް އޮފިޝަލު ހާމައެއް ނުކުރެއެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއްގައިވާ ގޮތުން ވަގު ވޯކް ވިސާ ކާޑުތަކަކާއެކު ހިފެހެއްޓީ ފިރިހެނެކެވެ. އަދި އޭނާގެ އަތުން ފެނުނު ވަގު ތިން ވޯކް ވިސާ ކާޑުތަކެއް އިމިގްރޭޝަންގެ ޓުވީޓާއެކު ހިއްސާކޮށްފައިވެއެވެ.
ފަހަކަށް އައިސް ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަތައް އިމިގްރޭޝަނުން އާންމުކުރާ މިންވަރުވަނީ އިތުރުވެފައެވެ. ނަމަވެސް މިކަންކަމާ ގުޅިގެން އިމިގްރޭޝަނުން މީޑިއާއަށް މާގިނަ މައުލޫމާތެއް ހާމަ ކޮށްފައެއް އަދި ނުވެއެވެ.
އެކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން މީޑިއާ އޮފިޝަލު ވިދާޅުވީ، މިމަހުގެ ތެރޭގައި އެކަންކަމާ ގުޅިގެން މީޑިއާއާ ބައްދަލުކުރާނެ ކަމަށެވެ.