ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ 2016 ވަނަ އަހަރު ވެސް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ، އެމްޑީއެން އިން 2015 ވަނަ އަހަރު ތައްޔާރުކުރި ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް 2015 ވަނަ އަހަރު ޖަމްއިއްޔާއަކުން ހުށަހެޅި ކަމަށެވެ.
އަދި 2015، 2016، އަދި 2017 ގައި ވެސް އެ ރިޕޯޓަށް އެކި ފަހަރުމަތިން ބަދަލުތައް ގެނެސް އަޕްޑޭޓް ކުރަމުން ގޮސްފައިވާ ކަމަށާއި މިހާރު ފެންމަތިވި ކަންކަމަކީ ވެސް އެއިން ކޮންމެ އަހަރެއްގައި ރިޕޯޓަށް އިތުރު ކުރަމުން ގެންދިޔަ ބައިތަކުގައި ހިމެނޭ ބައިތައްކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމައްސަލަ ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކުރާނެ ކަމަށާއި އެކަމަށް އަޅަންހުރި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މަޑުކަށިވެގެން އިސްލާމްދީނާ ކުޅެން ފުރުސަތު ނުދޭނެ ކަމަށާއި އަދި އެފަދަ ކަންކަމުގައި ހަރުކަށި ވެގެންގޮސް އިސްލާމްދީނުގައި ނެތް ހަރުކަށިކަމެއް ގެނެސް ހައްދުފަހަނަ އަޅައި ދިއުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.
''2015 ގައި އަދި 2016 ފައި އަދި 2017 ގައި، ކޮންމެ އަހަރަކުވެސް އިތުރު ބައިތައް ލައިގެން އަޕްޑޭޓް ކުރަމުން އެދަނީ. ތަންތަންކޮޅު ލެވި، ދާދިފަހުން ވެސް މިއަށް އެއްޗެހިތަކެއް ލެވިފައި މިވަނީ. މި މައްސަލަ 2016 ގައި ވެސް އިސްލާމިކް އެފެއާޒަށް ކަންބޮޑުވުން ފާޅުކޮށް ދީނީ ޖަމިއްޔާއަކުން ލާފައިވާ ކަމަށް އަޅުގަނޑަށް ހަމަ ވަރަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވަނީ،'' އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ތިލަވެގެން ދިއުމަކީ މާތް ﷲ ދެއްވި ނިއުމަތެއް ކަމަށާއި އޭގެ ސަބަބުން ގައުމުގައި ހުރި ބިރުވެރިކަމާއި ނުރައްކާތެރިކަން ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި ދީނީ ކަންކަން ސިޔާސީނުކޮށް ރައްޔިތުން އެއްބައިވެ، ލާދީނީ ފިކުރުތަކާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވަން ހުރިހާ އިލްމުވެރިން މަސައްކަތް ކުރެއްވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
އަދި ވިދާޅުވީ، އެމްޑީއެން އިން މުޅި ދިރާސާ ގާތްގަނޑަކަށް ބިނާވެފައި އޮތީ އިސްލާމްދީނާއި ދައުލަތް ވަކި ކޮށްލުމަށް ކަމަށާއި އެ ރިޕޯޓަކީ ކަންތައްތަކެއް ބަޔަކު ލައިދިނުމުން، އެ ލައިދިން ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
އެގޮތުން އެކަންތައްތަކުގެ ދަލީލުތައް ހޯދުމަށްޓަކާ ރިޕޯޓުގައި މަސައްކަތްކޮށްފައިވަނީ ރިސާޗްތައް ކުރުމުގެ ނަމުގައި ހޮވާލެވޭ ބަޔަކާއި އިންޓަވިއު ކުރެވި ނުވަތަ ދީނުގައިހުރި ބައެއް މަފްހޫމުތަކަށް އަމިއްލައަށް ޖަޖުކޮށްގެން ކަމަށް އިލްޔާސް ވިދާޅުވިއެވެ.