ޝަހީދާ އަބްދުﷲ ސައީދު
އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކަކީ، ބޭރު ގައުމެއްގެ ފަންޑެއްގެ އެހީތެރިކަމުގައި ހިންގާ ކަމެއް ކަމަށާއި، އެ ނެޓްވޯކުގެ ތެރޭގައި އުޅޭ ކުދިންނަށް އަށާރަ ހާހުން ވިހިހާހުން މުސާރަ ލިބިފަ އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެމްޑީއެން އިން އިސްލާމްދީނާ ހިލާފު އެތައް ވާހަކަތަކެއް ހިމަނައިގެން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚު އިލްޔާސް ޖަމާލު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ވަރަށް ބޮޑަށް އިލްމީ ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރި އިލްމީ ދިރާސާއިން ވަރަށް ބިރުހުރި ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބޭރުން ފަންޑު ކޮށްގެން ރާއްޖޭގައި ދިރާސާއެއް ކުރާއިރު، ދިވެހިން ވިސްނާލަންޖެހޭ ކަމަށާއި މިއީ މުސްލިމުން ދީނުން ދުރުކުރުމަށް ބޭރުގައި ތިބި މުސްލިމުންގެ އަދުއްވުން ކުރާ މަސައްކަތެއް ކަމަށެވެ.
''މިފަދަ ދިރާސާއެއް އިސްލާމީ ގައުމެއްގައި ކުރެވިފައި މިވަނީ ސީދާ މި ދިރާސާގެ އިންޓްރޮޑަކްޝަންގައި މި ބުނަނީ ބޭރު ގައުމެއްގެ ފަންޑަކުން. ބޭރު ގައުމެއްގެ ފަނޑެއްގެ އެހީތެރިކަމުގައި. އަޅުގަނޑުމެންނަށް މި މުއްދަތުގެ ތެރޭގައި ލިބިފައިހުރި މައުލޫމާތުތަކުން މި ނެޓްވޯކްތަކުގައި އުޅެފައިވާ ބައެއް ކުދިންނަށް 18،000 ރުފިޔާއިން 20،000 ރުފިޔާއިން މުސާރަ ވެސް ދީފައި އެބަހުރި. މި މައްސަލައަކީ ސީރިއަސް ވާންޖެހޭ މައްސަލައެއް،'' ޝައިހް އިލްޔާސް ވިދާޅުވިއެވެ.
މިއީ އިއްޔެ ނުވަތަ މިހާރު ފެށިގެން އުޅޭ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ އިލްޔާސް އިތުރަށް ވިދާޅުވީ މުސްލިމުންނަށް ފުރައްސާރަ ކުރުމަކީ ރަސޫލު ޒަމާނުއްސުރެ މުސްލިމުންނަށް ކުރިމަތި ކުރުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި މުސްލިމުންގެ ތެރެއަށް ކާފަރުން ވަދެގަނެ، މުސްލިމުން ދީނުން ދުރުކޮށް މަގު ފުރައްދަން މަސައްކަތް ކުރާނެކަން ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށާއި އެހެންކަމުން މުސްލިމުން ތިބެން ޖެހޭނީ އެކަމަށް ވިސްނައި، ހޭ އަރައިގެން ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ބޭރުގެ ފަންޑެއްގެ އެހީ ލިބިގެން އެމްޑީއެންގެ ރިޕޯޓު ދިރާސާކުރިއިރު އެކަން ކޮށްފައިވަނީ ދީނީ އެއްވެސް އިލްމުވެރިއެއްގެ ލަފާވެސް ނުހޯދާ ކަމަށެވެ. އަދި އެފަދަ ދިރާސާއެއް ކުރާއިރު ގެންގުޅެންޖެހޭ މިންގަނޑުތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށާއި ނަމަވެސް އެ ރިޕޯޓުގައި އެފަދަ އެއްވެސް މިންގަނޑުތަކެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ވަރަށް އިލްމީ ދިރާސާއެއް ކުރާނެ ކަމަށާއި އެކަން ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓު ހަދާފައިވަނީ އެއްވެސް ދިރާސާއެއް ނެތިކަން އިސްލާމިކް މިނިސްޓްރީގެ ފަރާތުންކުރާ ދިރާސާއިން ހާމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
''ކަންތައްތަކެއް ބަޔަކު ލައިދިނީމައި އެ ލައިދިން ގޮތަށް ބިނާކުރުމަށްފަހުގައި އެކަންތައްތަކަށް ދަލީލުތައް ހޯދުމަށްޓަކާ ރިޕޯޓުގައި މަސައްކަތްކުރެވިފައިމިވަނީ ރިސާޗްތައް ކުރުމުގެ ނަމުގައި ސެލެކްޓް ބަޔަކާއި އިންޓަވިއު ކުރެވި ނުވަތަ ދީނުގައިހުރި ބައެއް މަފްހޫމުތަކަށް އަމިއްލައަށް ޖަޖުކޮށް. ދީނުގައިހުރި ބައެއް މަފްހޫމުތަކާ ލަފުޒުތަކާ އެއްޗިހި އެނގޭނީ ދީން ކިޔަވައިގެން ތިބި ބަޔަކަށް. ނަމަވެސް އެމީހުންގެ ވެސް މަޝްވަރާއެއް ނެތި އަމިއްލައަށް ޖަޖުކޮށްފައި އޮތީ،'' ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އަދި އިސްލާމްދީން ހިމާޔަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.