އިބްރާހިމް ޒަކީ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްލާމް ދީނާ ހިލާފަށް ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯ މަޖިލީހުގެ ތަޅުމަށް އިއްވުމުގެ ފުރުސަތު ދެއްވުމަށްފަހު، ރައީސް ނަޝީދު އެފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯ އިއްވަން މެންބަރަކު އުޅުއްވުމުން، މަޖިލީހުގެ ގަވާއިދަށް ރުޖޫއަވެ މަޖިލިސް ރައީސް އެކަން ހުއްޓުވައިފިއެވެ.
އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުގެ މެންބަރުގެ މެދުގައި އަޑުގަދަކޮށް ޒުވާބުކުރާފަދަ ގޮތަކަށް ކުރިއަށްދިޔަ ބަހުސްގެ ތެރެއިން، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުގެ އޯޑިއޯކޮޅުތަކެއް މަޖިލީހުގެ ތަޅުމަށް އިއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.
އާޒިމް ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާފައިވާ މައްސަލައަކީ މަޖިލީހަށް ހުށަހަޅަންޖެހޭ މައްސަލައެެއްނޫން ކަމަށެވެ.
އަދި އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން، އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް މައްސަލަ ހުށަހެޅުއްވި މެންބަރު ވިދާޅުވާއިރު، ރައީސް ޔާމީން ދީނާ ހިލާފް ވާހަކަ ދައްކަވާފައިވާކަން ހާމަ ކުރުމަށް އަލީ އާޒިމް އޭނާގެ ފޯނު މައިކް އާ ކައިރިކޮށް ރައީސް ޔާމީން ވިދާޅުވި ބަސްފުޅުތަކުގެ ރެކޯޑިން އިއްވަވަން ފެއްޓެވިއެވެ.
އާޒިމް އިއްވި ވީޑިއޯގައިވަނީ "އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން ނޫން" ކަމަށާއި ފައިސާދޭމީހާ ކައިރީގައި އެއީ ހިކިނެއް ހޯދާފައިވާ ފައިސާއެއްތޯ އަހާނޭތޯ ސުވާލު ކުރައްވައި ދައްކަވާފައިވާ ފާހަކަފުޅުތަކެވެ.
އަލީ އާޒިމް އެ އޯޑިއޯ އިއްވަން ފެއްޓެވުމުން، އިދިކޮޅު މެންބަރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ނިޒާމީ މައްސަލަ ނެންގެވިއެވެ. ޝިޔާމު ވިދާޅުވީ، އާޒިމް އެކަން ކުރައްވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި އެއީ ނިޒާމީ މައްސަލައެއް ކަމަށެވެ. ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކަމުން ނިޒާމީ މައްސަަލައެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އަދި ޝިޔާމުގެ ނިޒާމީ މައްސަަލަ އެދޭތެރެއަށް ވަނުމުން، އޯޑިއޯ ރަނގަޅަށް ސާފު ނުވާތީ ޔައުމިއްޔާއަށްޓަކައި އެ އޯޑިއޯ އިތުރަށް އިއްވުމަށް މަޖިލިސް ރައީސް އަލީ އާޒިމަށް އެންގެވިއެވެ.
އެ އޯޑިއޯ ދެވަނަ ފަހަރަށް އިއްވަން ފެއްޓުމުންވެސް ޝިޔާމު ނިޒާމީ މައްސަލަ ނެންގެވިއެވެ.
ޝިޔާމު ވިދާޅުވީ އެކަމަކީ މަޖިލީހުގެ ގަވާއިދުގައި އޮތްކަމެއްނޫން ކަމަށާއި އެ މެންބަރަށް އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށެވެ. އަދި އެއީ މަޖިލީހުގެ ނިޒާމު ގެއްލޭނެ ކަމަކަށްވާތީ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެންނެވީ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
މިފަހަރު މަޖިލިސް ރައީސް ވިދާޅުވީ، އެއީ ޝިޔާމަށް ހީވެ ވަޑައިގަންނަވާ ގޮތް ކަމަށާއި، އެކަމާބެހޭ އެއްވެސް މާއްދާއެއް މަޖިލީހުގެ ގަވާއިދުގައިވެސް ނެތް ކަމަށެވެ.
"މަޖިލީހުގެ ގަވާއިދު އަޅުގަނޑަށްވެސް އެގޭ، މަޖިލީހުގެ ނިޒާމު ބަލަހައްޓަނީ އަޅުގަނޑު، އިއްޒަތްތެރި މެންބަރުގެ ހިތްޕުޅުގައި ވަނީ، އެވާނީ ގޯސް ކަމަކަށޭ، އެހެންނަމަވެސް އެއީ ކޮން މާއްދާއެއްގެ ދަށުންތޯއެއް އިއްޒަތްތެރި މެންބަރަކަށް ފާހަގައެއް ނުކުރެއްވޭ، ހަގީގަތުގައި އެހެން ފާހަގަ ނުކުރެއްވެނީ އެކަމާބެހޭ އެއްވެސް މާއްދާއެއް ނެތިގެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ. މިހެން ވިދާޅުވެ އަނެއްކާ އެ އޯޑިއޯ ތަކުރާރު ކުރައްވަން އެމަނިކުފާނު އެދި ވަޑައިގެންނެވިއެވެ.
ދީނާ ފުށުއަރާގޮތަށް މީގެ ކުރިން ކުރީގެ ރައީސް އަދި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކެއްގެ އޯޑިއޯ ޖަލްސާއަށް އިއްވަން މަސައްކަތް ކުރެއްވީ މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދަށް ރުޖޫއަވެ މަޖިލިސް ރައީސް ވަނީ އެކަން ހުއްޓުވައިފައެވެ.
ތޯރިހު ވާހަކަ ފައްޓަވަމުން ވިދާޅުވީ، މަޖލީހުގެ ގަވާއިދުން މީގެކުރިން އަމަލު ކުރަމުންއައި އުސޫލުތަކާ ހިލާފަށް މަޖިލިސް ރައީސް އަލީ އާޒިމަށް އޯޑިއޯ އިއްވަން ފުރުސަތު ދެއްވާފައިވާތީ، އޭނަވެސް އޯޑިއޯއެއް އިއްވަން ބޭނުންވާ ކަމަށެވެ. އެހެން ވިދާޅުވެ ތޯރިހުގެ ފޯނުން އެ އޯޑިއޯ އިއްވަން ހަމަ ފައްޓަވާއިރަށް އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނެންގެވިއެވެ. ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ.
އޭނާ ނިޒާމީ މައްސަލަ ނެންގެވުމުން ފުރުސަތު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު ގަވާއިދު އޮތް ގޮތަކީ އޯޑިއޯ އިއްވުމަށް މަޖިލީހުގައި އެއްވެސް މެންބަރަކަށް ނުފެންނަ ނަމަ އެކަމަށް ވޯޓަށް އެހުން ކަމަށެވެ. އަދި އޯޑިއޯ އިއްވަން ދެން ފުރުސަތު ލިބޭނީ އެކަމަށްޓަކައި ނަގާ ވޯޓުން ފާސް ކުރުމުން ކަމަށްވެސް މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިހާރު މިގަވާއިދު އޮތް ގޮތަކީ އެހެން އޯޑިއޯއެއް ނުވަތަ އެބާވަތުގެ މެޝިނެއް ބޭނުންކޮށް، ދައްކަމުންދާ ވާހަކައަކާއި ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް، އިތުރު ވަސީލަތެއްގެ ބޭނުން ހިފާކަމަށްވާނަމަ އެކަމެއް އެއީ ކުރަންއެންމެ ރަނގަޅުކަމެއްނޫން ކަމަށް މެންބަރަކަށް ފެނިގެން އެކަމަކަށް އިއުތިރާޒު ކޮށްފައިވާކަމަށްވާނަމަ ބަހުސް ކުރުމެއްނެތި ނަގާ ވޯޓަކުން އެކަން މަޖިލީހަށް ނިންމިދާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެހެން ވިދާޅުވެ ނިޒާމީ މައްސަލަ ހުށަހެޅުއްވުމަށް ހުސައިން ޝަހީމް އަށް ފުރުސަތު ދެއްވިއެވެ. ނިޒާމީ މައްސަލަ ނަންގަވއި ހުސައިން ޝަހީމް ވިދާޅުވީ މީގެ ފަހުން މަޖިލީހުން ފާސްކުރުމެއްނެތި އެއްވެސް ވީޑިއޯއެއް ދެއްކިގެން ނުވާނެ ކަމަށެވެ.
ނިޒާމީ މައްސަލައަށްފަހު ތޯރިގަށް ދިން ފުރުސަތުގައި، ހުސައިން ޝަހީމް ދެކޮޅު ހެއްދެވީ ވީޑިއޯ ދެއްކުމަށް ކަމަށް ވިދާޅުވެ ތޯރިގު ރައީސް ނަޝިދުގެ އޯޑިއޯ ތަކުރާރުކުރައްވަން މަސައްކަތް ކުރައްވަނިކޮށް، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު ނިޒާމީ މައްސަލަ ނެންގެވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، މަޖިލިހުގެ މެންބަރުންގެ ވޯޓަކާނުލައި، އަދި މަޖިލީހުން ފާސްކޮށްގެން ނޫންގޮތަކަށް އޯޑިއޯ އިއްވުމަށް އިންކާރު ކުރައްވާ ކަމަށެވެ. އެހެންކަމުން އެ އޯޑިއޯ އިއްވުމާމެދު މަޖިލީހުގެ ރައީސް ވޯޓަށް އެއްސެވިއެވެ.
ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން އެ އޯޑިއޯ އިއްވަން ފެން ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. 54 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ. ފާސްކުރަން 33 މެންބަރުންގެ ވޯޓު ބޭނުންވާތީ އެގޮތަށް ފާހެއްނުވިއެވެ.
އޯޑިއޯ އިއްވަން ފާސް ނުވުމުން ތޯރިގު ވިދާޅުވީ ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދީނާ ހިލާފަށް ދައްކަވާފައިވާ ވާހަކަފުޅު އަޑު އެހުމުގެ ގާބިލްކަން އެމްޑީޕީގެ މެންބަރުންގެ ކިބައިގައިނެތްކަން ފެނިގެން ހިނގައްޖެ ކަމަށެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އޯޑިއޯ އަޑު އިއްވަން ފުރުސަތު ދެއްވުމަށްފަހު، އެމަނިކުފާނުގެ އޯޑިއޯ އަޑު އިއްވަން ފުރުސަތު ނުދެއްވި މައްސަލައިގައި ބައެއް މެންބަރުން ސުވާލު ކުރައްވަން ފެއްޓެވުމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގައި އޮތް އެއްޗެއް ފާސްވީ މާފަހުން ކަމަށެވެ.