ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން ބިދޭސީއެއްގެ ގަޔަށް ފެންބާލިދީއެއް ޖެހި މައްސަލައިގެ ތަހުގީގަށް އާންމުންގެ އެހީއާ އެކު ބިދޭސީ މީހާ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ، އާންމުން ފުލުހުންނާ ހިއްސާކުރި މައުލޫމާތުގެ އަލީގައި އަނިޔާ ލިބުނު މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސައިކަލް މަތީގައި އިން ބިދޭސީ މީހާ އާއި ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގަޔަށް ފެންޖެހި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ.
ސައިކަލެއް މަތީގައި ފޯނު ހިފަހައްޓައިގެން އިން ބިދޭސީއެއްގެ ގަޔަށް ދިވެހި ފިރިހެނަކު ފެން ބާލިދީއެއް ޖެހި ވީޑިއޯއެއް މީސް މީޑިއާގައި އާންމުވި މައްސަލައިގައި ގިނަ ރައްޔިތުންގެ ފާޑު ކިޔުން ދިވެހި މީހާއަށް އަމާޒުވިއެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށް ގިނަ ފަރާތްތަކުން ފުލުހުންނަށް ގޮވައިލިއެވެ.
އަދި ސައިކަލްމަތީގައި އިން ބިދޭސީ މީހާއަށް ފޯނެއް ގަނެދިނުމަށް ދިވެހި ޒުވާނުންގެ ގުރޫޕަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހާ ހޯދައި ދިނުމަށް ވެސް މީސް މީޑިއާގައި އެޒުވާނުން އެދިފައި ވެއެވެ.