ޚަބަރު

އެމްޑީއެން ގެ ރިޕޯޓުގެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅު އަޅާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓާއި ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ދިހަވަނަ މާއްދާ ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އަދި އިސްލާމް ދީނަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައި ވީހިނދު، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ، އެދީން ހިމާޔަތްކުރުމަކީ، ދިވެހި ރާއްޖޭގެ އެންމެ މަތީ ވެރިޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާކުރުންމަތީ ދެމިހުރުން ކަމަށް ބަޔާނުގައި ވިދާޅުވިއެވެ. އަދި އެމްޑީއެން އިން 2015 ވަނަ އަހަރު، ''ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިންދަ މޯލްޑިވްސް'' ގެ ނަމުގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ފުށު އަރާ، އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަ ކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭނެ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ދީނީ ޝިއާރު ފާޅުކުރުމުގަ އާއި ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އިސްލާމްދީނުގެ މަތިވެތި އަސާސްތަކާއި ހިލާފު ނުވުމަށް އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.