ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާމެދު ފިޔަވަޅު އަޅަން ގޮވާލުމަކީ ސަރުކާރު ވައްޓާލަން ގޮވާލުން ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ، އެމްޑީއެން އިން ކީރިތި ގުރުއާނާއި އިސްލާމް ދީނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ދީނުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ބަޣާވާތްކޮށް ސަރުކާރު ބަދަލު ކުރަން ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވެފައިވަނިކޮށެވެ.
ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީއެން އާމެދު ފިޔަވަޅު އަޅަން ގޮވުމަކީ އެއްގޮތަކަށް ވެސް ސަރުކާރު ވައްޓާލަން ގޮވުން ނޫން ކަމަށާއި އެފަދަ ކަންކަމާމެދު އިސްވެ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާންވާނެ ކަމަށެވެ. އަދި ފިޔަވަޅު އަޅައިފިނަމަ ސަރުކާރަށް އޮންނަ ގަދަރު އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
''އިސްލާމްދީނާއި މާތް ރަސޫލާގެ ގަދަރަށް އުނިކަން އަންނަ ގޮތަށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލާގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ޖަމާއަތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ގޮވާލަމެވެ. އެހެންނޫނީ މިފަދަ ކަންކަން ތަކުރާރު ވެގެންދާނެއެވެ,'' ޝަހީމްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީތީ ހަސަދަވެރިވާ ބޭރުގެ މިޝަނަރީސްތަކުން އަބަދުވެސް ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން މަސައްކަތްކުރާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ޣައިރުދީން ފަތުރަން ފަންޑު ވެސް ކުރާ ކަމަށާއި އެކަންކަން އަބަދުވެސް ފެއިލްވެގެން ދަނީ ރައްޔިތުންގެ މަސައްކަތުން ކަމަށެވެ.
އަދި ހަރުކަށި ފިކުރަކީ ގައުމީ ސަލާމަތަށް އޮތް ބިރެއް ފަދައިން، އިލްހާދީ ފިކުރުތަކާއި ހައްދު ފަހަނައަޅާފައިވާ ސެކިއުލާ ފިކުރަކީ ވެސް ގައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމަށާއި އެ ދެ މައްސަލައަށް އަދުލުވެރި ގޮތުގައި ގާނޫނީ ހައްލު އަންނަންޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
''އެމްޑީއެންގެ ރިޕޯޓުން ހާމަވީ ބޭރުގެ އެކި މިޝަރަނީސްތަކުން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލަން ރާވާފައިވާ ބޮޑު ރޭވުމެވެ. ރިޕޯޓުގައި ހިމަނާފައިވާ ކަންކަމާމެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހެއެވެ. އިސްލާމީ މުގައްރަރުތަކަށް ގެންނަ ބަދަލާމެދު ފާރަވެރިވާންޖެހެއެވެ,'' ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމްވަނީ ރިޕޯޓުގެ މައްސަލާގައި ފިޔަވަޅު އެޅުމަށް އެދި ކުރެވޭ މަސައްކަތްތައް ހިކުމަތްތެރިކަމާއެކު އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން ގެންދިއުމަށް އިލްތިމާސް ކުރައަވައިފައެވެ. އަދި ގާނޫނާ ހިލާފު ހަރުކަށި އަމަލެއް، ސުލްހަވެރިކަން ގެއްލޭފަދަ ކަމެއް ނުކުރަން ނަސޭހަތްތެރި ވެވަޑައިގެންނެވިއެވެ.