ޝަހީދާ އަބްދުﷲ ސައީދު
އެކުވެރި ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދިމާވާ ގޮންޖެހުންތައް ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މައުމޫން ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއިން އަމަލުކުރަމުންދާ ހާރިޖީ ސިޔާސަތުގެ ދަށުން އިސްލާމްދީން ކުރި އެރުވުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެހެންކަމުން އިންޑިއާ އާއި ޗައިނާގައި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލަ ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
އަދި ހާއްސަކޮށް ޖައްމޫ އާއި ކަޝްމީރު އާއި ޗައިނާގެ ސިޓީއެއް ކަމަށްވާ ޒީއަންޖިންގައި ދިރިއުޅޭ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އެގައުމުތަކުން އަރައިގަންނަމުންދާކަން ދުންޔާގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.
އަދި އިސްލާމްދީން ކުރި އެރުވަމަކީ ރާއްޖޭގެ ހާރީޖީ ސިޔާސަތަކަށް ވާއިރު، އެކުވެރި ޗައިނާ އާއި އިންޑިއާއިން މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަ އިރުވެސް ބަހެއް ނުބުނެ ދިވެހި ސަރުކާރު ހަނު އޮނަ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މިފަދައިން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވޯލްޑް ފައިނޭންޝަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަޝްމީރުގެ މައްސަލައާ ބެހޭގޮތުން އިންޑިއާގެ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޯއައިސީގެ ގޮވާލުން ރާއްޖޭން ގަބޫލު ނުކުރާނެ ކަމަށެވެ.
އަދި ކަޝްމީރު މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާގެ ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުން، އިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން" އިން ނިންމާފައިވާ ނިންމުމަށް، ރާއްޖެ އޮތީ ތާއީދު ނުކުރާ ގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޖައްމު އަދި ކަޝްމީރާ ބެހޭގޮތުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް މުސްލިމު 57 ގައުމު ހިމެނޭ "އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން" (އޯއައިސީ) އިން އިންޑިއާ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.