ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގެ މަގު ތަކުގައި ފެން ބޮޑުވުމުން އެމްއެންޑީއެފް އިން ފެން ހިންކުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ފަޔާ ސާވިސްގެ ސިފައިން މިހާރު އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗް ސަރަހައްދާއި ދުވާ ޓްރެކް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މި ދެ ސަރަހައްދުގައިވެސް އެމްއެންޑީއެފް އިން ފެން ހިންދަމުން އަންނަނީ ޕަންޕް ބަހައްޓައިގެނެވެ.
މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައެވެ.
އެގޮތުން މިއަދު 10:00 އިން މާދަމާ 10:00 އަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.