ޚަބަރު

އެމްޓީސީސީ އިން ކަސްޓަމަރ ސާވިސް ހަފްތާ ފާހަގަކުރުމަށް "ހިނިތުންވުމާއެކު" ކެމްޕެއިން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

މިއަދުން ފެށިގެން މިމަހުގެ 11 ގެ ނިޔަލަށް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމަރ ސާވިސް ހަފްތާއާ ގުޅުވައިގެން އެމްޓީސީސީއިން "ހިނިތުންވުމާއެކު" ގެ ނަމުގައި ވަރަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެމްޓީސީސީގެ ފެންނާ ގިމަތައިގައި ބޭއްވި މި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހަސަން ޝާހްއެވެ.

އެމްޓިސީސީ އިން ބުނީ މި ކެމްޕެއިންގެ އެންމެ ބޮޑު މަގްސަދަކީ ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމު ކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ކުންފުނިން ހިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ، ކަސްޓަމަރ އެކްސްޕީރިއެންސް މިހާރައްވުރެ ރަނގަޅު ކުރުން ކަމުގައެވެ.

އަދި އެ ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިންގެ ސަބަބުން އެމްޓީސީސީ އާއި ކުންފުނީގެ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރުވެގެން ދިއުން ކަމުގައިވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އެގްޒެކެޓިވް އޮފިސަރ ޝާހް ވިދާޅުވީ އެމްޓީސީސީއަކީ މިގައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ހިދުމަތް ދެމުންދާ ކުންފުންޏެއް ކަމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒުކަމަށެވެ.

އަދި އެމްޓީސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއްދިނުމަށް ވަރަށް މުހިންމު ކަމެއް ދޭ ކުންފުންޏެއްކަމަށާއި މި ކެމްޕެއިންގެ ސަބަބުން މިކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރަށްވާކަމަށް ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން "ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިމަހު 12 ގެ ނިޔަލަށް ބަހާލައިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އެތައް ހަރަކާތްތަކެއް ކުންފުނިން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.