ޚަބަރު

ފުރަތަމަ ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބިޒްނަސް ރައުންޑް ޓޭބަލް ބައްދަލުވުން މިއަދު ފަށައިފިއެވެ.

މި ބައްދަލުވުމުގައި ޗެއާ ކުރައްވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުންގ ލައި މަރގިއުއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ބުނީ "ރާއްޖޭގައި އިންވެސްޓުކުރުން" މި ތީމްގެ ދަށުން ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދަށް އަލި އަޅުވާލައި ރާއްޖޭގެ އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން އެ މިނިސްޓްރީން ހާއްސަ ޕްރެޒެންޓޭޝަން އެއް ދޭނެ ކަމަށެވެ.

އަދި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނާއި ކަންކަން ރާވާ ހިންގުމަށް ތައްޔާރުކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ޕްރެޒެންޓޭޝްން ދެއްވާނެ ކަމަށްވެސް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މިހާރު ރާއްޖޭގައި ހުރި އީޔޫގެ ވިޔަފާރިތަކުގެ ފަރާތުންނާއި، ރާއްޖޭގައި އަލަށް އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބައިވެރިވާ ކަމަށްވެސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އީޔޫ-ރާއްޖެ ވަށްމޭޒު ވިޔަފާރި މަޝްވަރާތައް ކުރިއަށްގެންދާނެކަން އިއުލާނު ކުރެއްވީ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ ފްރެޑްރިކާ މުގްރީނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ރައުންޑް ޓޭބަލް ބައްދަލުވުމުގެ މަގްސަދަކީ އީޔޫގެ ކުންފުނިތަކުގެ ވިޔަފާރިއާއި އިންވެސްޓްމެންތައް ރާއްޖޭގައި އިތުރުކުރުމެވެ.