ޚަބަރު

ފިނޭންސުން 15 އެމްބިއުލާންސް ހޯދަން އިންޑިއާ ކުންފުންޏަށްދިން މައްސަލަ ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

ފިނޭންސް މިނިސްޓްރީން 15 އެމްބިއުލާންސް ހޯދަން ބިޑަށް ހުޅުވާލައި، އެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިއަދު 11:00 ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން 15 އެންބިއުލާންސް ހޯދުމަށް ކޮށްފައިވާ ބީލަމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ގެ ފަރާތުން ފޮނުވާފައިވާ މައްސަލައާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެމްބިއުލާންސްތަކެއް ހޯދަން ބިޑަށް ހުޅުވާލުމުން، ބޮޑު އަގު ހުށަހެޅި ބޭރުގެ ކުންފުންޏަކަށް އެ ބިޑް ކާމިޔާބު ކުރެވުނު މައްސަލަ ބެލުމަށް އޭޑީކޭ ޖެނެރަލް ޓްރޭޑިން ކުންފުނިން ވަނީ ހުށަހަޅައިފައެވެ.

އޭޑީކޭއިން ބުނީ ފިނޭންސުން 15 އެމްބިއުލާންސް ހޯދަން ފުރަތަމަ އިއުލާން ކުރިއިރުވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށާއި އެފަހަރު އިއުލާން ބާތިލުކޮށް ދެވަނަ ފަހަރު އިއުލާން ކުރުމުންވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށެވެ.

އޭޑީކޭއިން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުއްތާއަށް ބިޑް ކާމިޔާބު ކުރެވުމަކީ، ކަންބޮޑުވާ ކަމެއް ކަމުގައެވެ. އޭޑީކޭއިން ވަނީ އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ތިން ފަރާތާއި އެފަރާތުގެ ޑެލިވެރީ މުއްދަތުވެސް ސިޓީގައި ފާހަގަކޮށްފައެވެ.

އެ ސިޓީގައިވާގޮތުން އިންޑިއާގެ މޯހަން މުއްތާ ކުންފުނިން ބީލަން ހުށަހެޅި އަގަކީ އަށް މިލިއަން ހަތްލައްކަ ފަސްދޮޅަސް ހަތްހާސް ފަސްސަތޭކަ (8،767،500.00) ރުފިޔާއެވެ. އޭޑީކޭއިން

އެމްބިއުލާންސް ގެނައުމަސް ހުށަހެޅީ ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހަތްހާސް ތިންސަތޭކަ ވިހި (7،987،320.00) ރުފިޔާއެވެ.

އެހެންކަމުން މޯހަން މުއްތާ ކުންފުނިން ހުށަހެޅި އަގަކީ، އޭޑީކޭއަށް ވުރެ ހަތްލައްކަ އަށްޑިހަހާސް އެއްސަތޭކަ އަށްޑިހަ ރުފިޔާ ބޮޑު އަަދަދެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، 15 އެމްބިއުލާންސް ހޯދުމުގެ ޕްރޮޖެކްޓް އިންޑިއާގެ މޯހަން މުއްތާ ކިޔާ ކުންފުންޏަކަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް މިވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.