ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ކޯސްޓްގާޑާއި، ރާއްޖެ އަދި ސްރީ ލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯ ގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާނީ ޓައިމްސް" ގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕްރޭޝަން ގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ 150 ކިލޯއަށް ވުރެ ގިނަ ހިރޮއިން އަތުލައިގެންފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާއެކު ދަތުރުކުރި މި ބޯޓު އަތުލައިގެންފައި ވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރާތާ ދުވަސްތަކެއް ފަހުން، ކެރެލާ ކޯސްޓްގެ ބޭރުން އިންޑިއާ އޯޝަން ރީޖަން (އައިއޯއާރު) ގެ ސަރަހައްދުން ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އިންޑިއާގެ ސެކިއުރިޓީ އެޖެންސީ ތަކަށް އެ ބޯޓު ޑިޓެކްޓް ކުރެވުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު 500 ނޯޓިކަލް މޭލު ނުވަތަ 926 ކިލޯމީޓަރު، ކޮޗި ކޯސްޓުގެ ބޭރުން ކަމަށެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ ސީދާ ކޮން މަންޒިލަކަށް ކަމެއް އެނގިފައި ނެތަސް އެ ބޯޓަށް އިންސްޓްރަކްޝަން ދެމުން ދިޔައީ ޕާކިސްތާނުން ކަމަށްވެސް އެ ނޫހުގައި ބުުނެފައިވެއެވެ.

އަދި ބޯޓު ޑިޓެކްޓް ކުރެވުމާއެކު ސްރީލަންކާ އަދި ރާއްޖޭގެ ކޮސްޓްގާޑް އެލާޓަށް ގެނެސް ބޯޓަށް ފާރަލަމުން ދިޔަ ކަމުގައި ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގެ ކޯސްޓްގާޑާއި ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު މިހާރު އަތުލައިގެންފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބޯޓުން މިލިއަނަކަށްވުރެ ގިނަ ޑޮލަރުގެ ދެ ޕެކެޓް ހިރޮއިން ހޯދައި، އެ ބޯޓު މިހާރު އޮތީ އިންވެސްޓިގޭޓް މަރުހަލާގައި ކަމަށް ވެސް ނޫހުގައި ބުނެފައިވެއެވެ.