އިބްރާހިމް ޒަކީ
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާފައިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރަން ފަށައިފިއެވެ.
ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވި މި މައްސަލަ، މަޖިލީހުގައި ބަހުސް ކުރުމަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ ގައި ދިވެ ރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ކަނޑައަޅާފައިވާއިރު، އެމްޑީއެންގެ ރިޕޯޓްގައި މާތްﷲގެ ކުޅަދުންވަންތަ ކަމާއި އެ އިލާހުގެ ވަހީބަސްފުޅާއި ކީރިތި ގުރުއާންގެ ސައްހަ ސަނަތުން ސާބިތުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ އަބުރު ފުޅާއި، ޝަހުސިއްޔަތާއި، ގަދަރާއި، ކަރާމާތައް އިހާނާތްތެރިކޮށް އެ ރިޕޯޓްގައި ލިޔެފައިވާ ކަމަށާއި، ދީނުގެ ކަންތައްތަކަށް އެ ރިޕޯޓްގައި ހަޖޫ ޖަހާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ހަމަޖެހުން އޮތީ، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނީ ކަރުކަށިމީހުންގެ މަސައްކަތް ހުއްޓުވައިގެން ކަމަށެވެ.
އަދި ރާއްޖޭގައި ހަރުކަށި ފިކުރު އުފެދިގެން އަންނަނީ ލާދީނީ މީހުންނަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން، ކަމަށާއި، ދީނަށް ޖޯކު ޖަހައި ދައްކާ ވާހަކަ ތަކަކީ ދުރާލާ ރާވައިގެން އިސްލާމްދީން ރާއްޖެއިން ނައްތާލުމަށް ހިންގާ ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ޖަމްއިއްޔާއަކުން އިސްލާމީ އަސްލުތަކާ ހިލާފް ވެއްޖެނަމަ އެ ޖަމްއިއްޔާ އުވާލަން ޖެހޭކަމަށް ޖަމިއްޔާ ތަކުގެ ގާނޫނުުގަިއ ބުނެފައިވާއިރު، އެމްޑީއެން މިހާރު އޮންނަންޖެހޭނީ އުވާލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމް ދީން ކަމަށް ކަނޑައަޅައި ގާނޫނު އަސާސީ ލޮކް ކޮށްފައި ވުމުގެ ސަބަބުން ދުރާލާ ރާވައިގެން ލާދީނީ ސިޔާސަތު ރާއްޖޭގައި އަށަގެންނެވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މަޖިލީހުގެ މެންބަރުން މަސްއޫލުވެރިންގެ ގޮތުގައި މިއަދު ތިއްބަވައިގެން އެފަދަ ކަންތައްތަކައް އަޅާނުލައި ތިބުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަވެސް ވިދާޅުވިއެވެ.