ޚަބަރު

ސިޔާސީ މައިދާނުގައި ގާސިމް ހުންނެވިހާ ދުވަހަކު ހުންނާނީ އެމަނިކުފާނުގެ އަރިހުގައި: އަޒުލީން

ޝަހީދާ އަބްދުﷲ ސައީދު

ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވިހާ ދުވަހަކު އެމަނިކުފާނުގެ އަރިހުގައި ހުންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ގާސިމުދެކެ ރައްޔިތުން ލޯބިވަނީ ހަމަ އާއި އިންސާފަށް ލޯބިކުރައްވާ މައާފު ކުރައްވާތީ ކަމަށެވެ. އަދި ގާސިމަކީ އިސްލާމްދީނަށާއި ގާނޫނު އަސާސީއާއި ގާނޫނުތަކަށް އިހްތިރާމު ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ހިތް ހަލާސްކޮށްގެން ގާސިމްގެ އަރިހަށް ވަޑައިނުގަންނަވާނެ ސިޔާސީ ލީޑަރަކު ނެތް ކަމަށް ވިދާޅުވިއެވެ.

އަދި ގާސިމަކީ ހަސަދަވެރިކަމާއި އަނިޔާވެރި ކަމަށް ޖާގަ ދެއްވާ ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ އަޒްލީން ވިދާޅުވީ، މުޖުތަމައުގައި ހަސަދަވެރިކަމާއި ބައިބައިވުން އުފެދޭ ކޮންމެ ފަހަރަކު ރާއްޖެއަށް ނުރައްކަލާއި ނުފޫޒުތައް ފޯރުވަމުންދާ ކަމަށެވެ.

ޖޭޕީގައި ހުރުމަކީ އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާކަން ފާހަގަކުރައްވާ އަޒްލީން އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ ސިޔާސީ ގޮތުން މިހާތަނަށް އެންމެ ރަނގަޅު މިސާލު ދެއްކި ޕާޓީ ކަމަށާއި އެ ޕާޓީއަކީ ވަކި ބަޔަކު ނިކަމެތިކޮށްލައި، ވަކި ބަޔަކު މޮޅު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.

އަދި ގާސިމްގެ ވިސްނުންފުޅުގައި އޮތީ ކޮންމެ ބަޔަކަށް ވެސް ފުރުސަތު ދިނުމަށް ކަމަށާއި އެބައެއްގެ ލަޔާގަތާއި ގާބިލިއްޔަތުކަންހުރި ވަރަކުން ސިޔާސީ ގޮތުން ކުރިއަށް ދިއުމަށްޓަކާ ޖޭޕީއަށްވުރެ ރަނގަޅު ޕްލެޓްފޯމެއް ނެތް ކަމަށް ވިދާޅުވިއެވެ.

''ﷲގެ ރަހުމަތާއެކުގައި އެމަނިކުފާނު ސިޔާސީ މައިދާނުގައި ދެމި ހުރިހާ ދުވަހަކު ސިޔާސީ ގޮތުން އަޅުގަނޑު ކުރިންކުރި ހުރިހާކަންކަން އެދިޔައީ. ދެން ވިސްނާނީ ކުރިއަށް އޮތްތަނަށް. އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާލާނީ ޖުމްހޫރީ ޕާޓީގައި ގާސިމްގެ އަރިހުގައިކަން ރައްޔިތުންނަށް ހެކިކޮށް ދަންނަވާލަން,'' އަޒްލީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ އެއް ޕާޓީން ކެނޑިގެން އެހެން ޕާޓީއަކަށް ދިއުމުން އެމީހާގެ ޒަމާން ދުއްވާލާ ޒަމާނެއް ނޫން ކަމަށާއި ދިވެހިންނަކީ އެއަށްވުރެ އިލްމީ، ތަހުޒީބު ބައެއް ކަމަށެވެ.