ޚަބަރު

ލޯޔަރު ވައްޑެ ވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

މުހައްމަދު ސިމާއު

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ވައްޑެ ވަނީ ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު، އެޕާޓީއަށް ސޮއިކުރިކަމުގެ ލިޔުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލު ކުރައްވައިފައެވެ. އަދި މި ރަސްމިއްޔާތުގައި ވައްޑެގެ ފަރާތުން 300 އަށްވުރެ ގިނަ މީހުންގެ ފޯމް ވަނީ ޖޭޕީގެ ލީޑަރާ ހަވާލު ކުރައްވައިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ވައްޑެއަކީ މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ކުރީގެ މެމްބަރެކެވެ.

ނަމަވެސް އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، ޖުލައި 3، 2017 ގައި 45 މެމްބަރުންގެ ސޮޔާއެކު، އޭރު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން، ސޮއި އަނބުރާ ގެންދަން ޕީޕީއެމުން އެންގި އެންގުމަށް ދެކޮޅު ހެއްދެވުމުން އެޕާޓީން ވަކިކޮށް، ވައްޑެގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއެވެ.

ޕީޕީއެމުން އެދިގެން އޭރު އީސީން ވައްޑެއްގެ މެމްބަރުންގެ ގޮނޑި ގެއްލުވާލީ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.

އެ ހުކުމުގައި ބުނެފައިވަނީ، މަޖިލީހުގެ އެއްވެސް މެމްބަރަކު އެބޭފުޅަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ، ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވަކިވާން ވައްޑެ ސިޓީ ފޮނުވި ނަމަވެސް އީސީން ބުނެފައިވަނީ ޕާޓީން ވަކިވި ކަމަށް ބަލާނީ އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރާ ހިސާބުން ކަމަށެވެ.

އެކަމާ ގުޅިގެން ވައްޑެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެބޭފުޅުންނާ އެއްކޮޅަށް ނިމި، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.