މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާގެ އެހީ ވުމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި އެކައުންޓަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ހެންވޭރު އަބަދަށްފަހި މަގުގައި ހުންނަ ތިލަފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ބޭންކު އެކައުންޓެއް ހުޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ''20 ސެޕްޓެމްބަރު މާލެ ފަޔާ ރިލީފް އެކައުންޓް'' މިއަދު ހަތަރެއް ޖެހިއިރު ބަންދުކުރިއިރު، އެކައުންޓަށް 2،528،833.37 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ހެންވޭރު އަލިފާނުގެ ހާދިސާގައި 700 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.
ހާދިސާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އާންމު ރައްކާތެރިކަމަށް ނުވަ އިމާރާތެއް ތަޅާލިއިރު، މީހުންނަށް ދިރި ނޫޅެވޭވަރަށް ހަ އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މީހުން ދިރިއުޅެވޭވަރުވި ނަމަވެސް މަރާމާތަށް ބޭނުންވާ ފަސް ގެއެއް އެބަހުރި ކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ބުނެއެވެ.
ޑިޒާސްޓާ މެނޭޖުމެންޓުން މީގެ ކުރިން ބުނެފައިވަނީ، މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލުގައި، ޑިޒާސްޓާގެ ގަވާއިދުގެ ދަށުން ދެނީ ލިބޭ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ.