އަދާލަތު ޕާޓީގެ ދުސްތޫރަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން ބުނީ، ކުރިއަށް އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ދުސްތޫރަށް ގެންނަން ފެންނަ އިސްލާހުތައް އެކުލަވައިލުމަށްޓަކާ ދުސްތޫރު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން ދުސްތޫރަށް ގެންނަން ފެންނަ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ދުސްތޫރަށް ގެންނަން ބޭނުންވާ އިސްލާހުތަކަށް ހިޔާލު ހުށަހަޅަން ބޭނުންނަމަ މިހަފްތާގެ ބުދަ ދުވަހުގެ 3:00ގެ ކުރިން އަދާލަތު ޕާޓީގެ މައި އޮފީހަށް ލިޔުމުން ހުށަހެޅޭނެއެވެ.
ގިނަ އިލްމުވެރިންތަކެއް ގުޅިގެން 2008 ވަނަ އަހަރު އުފެއްދި އަދާލަތު ޕާޓީއަކީ ދިވެހިރާއްޖޭގައި ފަނޑުވަމުންދާ އިސްލާމީ ސަގާފަތާއި ހަލާރަތު ދެމެހެއްޓުމަށްޓަކައި، އަދި ރާއްޖޭގައި ދީނީ ރޫހު އާލާކުރުމުގެ ގޮތުން އަމަލީ ސިފައެއްގައި މަސައްކަތްކޮށް، ފިތުނަފަސާދައިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށާއި އިގްތިސާދީ ފުދުންތެރިކަން އަދުލުވެރިގޮތުގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ޕާޓީއެއް ކަމަށް އެ ޕާޓީން ބުނެއެވެ.
އަދި ބުނީ، އަދާލަތު ޕާޓީ އަބަދުވެސް މަސައްކަތް ކުރާނީ ހަމަހަމަކަމާއި އަދުލު އިންސާފު ދަމަހައްޓައި، ހައްގާއި މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ދިވެހި ދައުލަތުގައި ގާއިމުކުރުމަށް ކަމަށެވެ.