ރާއްޖެއިން ސްރީލަންކާއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، އެ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު އިސްތިއުފާ ދެއްވަން ހަށަހަޅުއްވާފައިވާނެ ކަމަށެވެ.
މިދިޔަ މަހުގެ ތިންވަނަ ދުވަހު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މުންދު ވަނީ އައްޔަންކޮށްފައެވެ. ސެކްރެޓަރީ ޖެނެރަލަކަށް މުންދު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް، ޕީޕީއެމްގެ ކޮންގްރެސްއިން އެ ޕާޓީގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިގެންފައެއް ނުވެއެވެ.
މުންދު ވަނީ މީގެ ކުރިން ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމުން މުންދު އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރުމުގެ ކުރިން މުންދު ހުންނެވީ ރާއްޖެއިން ޗަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގައެވެ.
މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާއިން މާސްޓާސް އިން ފިލޯސަފީ ހާސިލް ކުރައްވައިފައެވެ.