ޚަބަރު

އެޖެންޑާ 19ގެ ދަށުން ހުށަހަޅާ ބިލްތަކުގެ މަސައްކަތް، މަޖިލީހުގެ ކޮމިޓީތަކުން ފަށައިފި

އިބްރާހިމް ޒަކީ

އެޖެންޑާ ނަވާރައިގެ ދަށުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހަޅަންޖެހޭ ބިލްތައް ތައްޔާރު ކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އޮތް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި 48 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދަން ހަމެޖެހިފައިވާ ކަމަށެވެ.

އެއީ ސަރުކާރުގެ ފަރާތުން ފޮނުުވާ 30 ބިލާއި، އެޖެންޑާ 19 އިގެ ހާއްސަ ބިލްތަކުގެ ގޮތުގައި އެމްޑީޕީން ފޮނުވާ 18 ބިލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ހުށަހަޅާ ބިލްތައް ތައްޔާރު ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ވަނީ އެބިލަކާ ބެހޭ މަޖިލީހުގެ ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ނިންމައިފައެވެ.

މަޖިލިސް ރައީސް އެ މަސައްކަތްތައް ކޮމިޓީތަކާ ހަވާލު ކުރައްވާފައިވަނީ ބިލުތައް އުފެއްދުމުގައި ބަންޑާރަ ނާއިބާއި ސަރުކާރުގެ އޮފީސް ތަކާއި މުއައްސަސާތަކާ މަޝްވަރާކޮށްގެން އެފަރާތްތަކުގެ ހިޔާލު ހޯއްދަވައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރައިން ބުނީ، ކޮމިޓީތަކުން ތައްޔާރު ކުރާ ބިލް ތަކުގެ ތެރެއިން އިގުތިސާދީ ކޮމިޓީން އެކުލަވާލަންޖެހޭ ފަސް ބިލެއްގެ މަސައްކަތް ކުރިއަށް ގެންދިއުމާބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު 5:30 ގައި އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ކޮމިޓީން ތައްޔާރުކުރާ ފަސް ބިލުގެ ތެރޭގައި ހިމެނެނީ، މިނިމަމްވޭޖް ކަނޑައެޅުމުގެ ބިލާއި، އިންކަމްޓެކްސް ނެގުމުގެ ބިލާއި، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖޮބް ސީކާސް އެލަވަންސްގެ ބިލާއި، ފޮރެސްޓީ ބިލެވެ.

މީގެ އިތުރުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ދާއިރާގައި ހިމެނޭ ބިލް ތަކާބެހޭގޮތުން މިއަދު އެ ކޮމިޓީގައިވެސް މަޝްވަރާ ކޮށްފައިވާއިރު، ޖުޑިޝަރީ ކޮމިޓީގެ ދައިރާއާ ގުޅުންހުރި ބިލްތަކާބެހޭ ގޮތުން، މަޝްވަރާ ކުރުމަށް މިރޭ 9:30 ގައި އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިދައުރުގައި މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ބިލް ތަކުގެ ތެރޭގައި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންކަމް ޓެކްސް ނެގުމުގެ ބިލާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ލޯކަލް ކައުންސިލް ތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖަމްއިއްޔާތަކާބެހޭ ބިލާއި، އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންތިގާލީ އަދުލުގެ ބިލާއި ފެނާއި ކަރަންޓާއި ނަރުދަމާއާ ގުޅޭ ބިލްގެ އިތުރުން، ސިވިލް ޕްރޮސިޖަ ކޯޑާ ގުޅޭ ބިލާއި، ކްލައިމެޓް ރެސިލިއަންސް އާ ގުޅޭ ބިލު ހިމެނެއެވެ.

އަދި ރުއް ގަހާ ގުޅޭ ބިލާއި، ބޯހިޔާވަހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ތައުލީމީ ދާއިރާއާ ގުޅޭ ބިލާއި، އާއިލާ އާއި ވަރި ކައިވެންޏާ ގުޅޭ ބިލުގެ އިތުރުން ވަޒީފާއެއް ހޯދާ މީހުންނަށް އިނާޔަތެއް ދިނުމާ ގުޅޭ ބިލާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭ ބިލާއި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ބިލު ވެސް އޭގެ ތެރޭގައި ހިމެނެއެވެ.