އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން 2019" ގައި ބައިވެރިވާ ސިފައިން މިއަދު އެގައުމަށް ފުރައިފިއެވެ.
ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި އަސްކަރީ ތަމްރީންތައް މި ފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައެވެ.
"އެކްސަސައިޒް އެކުވެރިން" އަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓާ ޓެރަރިޒަމާއި ކައުންޓާ އިންސަޖެންސީ ފަދަ އޮޕަރޭޝަންތައް ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.
އެމްއެންޑީއެފުން ބުނީ، މި ތަމްރީނުގައި ކިޔަވައިދެއްވާނީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށެވެ.
މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ތަމްރީނު މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ނަދަން އޭރިއާ ޅ. މާފިލާފުށީގައެވެ.