އިކޮނޮމިކް މިނިސްޓްރީއާއެކު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގައި ބިޒްނަސް ރައުންޑްޓޭބަލް އެއް ބާއްވަން ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑާ ޓްރަންގް-ލައި މާގް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާއެވެ. އީޔޫ ޓު ދަ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިއީ މިފަދަ މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ''އިންވެސްޓިންގް އިން މޯލްޑިވްސް''ގެ ނަމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދާއި ރާއްޖެއަށް އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ޕްރެސެންޓޭޝަނެއް ހުށަހަޅާނެއެވެ.
މީގެ އިތުރުން ޕްލޭނިންގް މިނިސްޓްރީންނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ވެސް ބައްދަލުވުމުގައި ޕްރެސެންޓޭޝަނެއް ހުށަހަޅަން ހަމަޖެހިފައިވާއިރު، ޕްރެސެންޓޭޝަން ތަކަށްފަހު ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާނެެވެ.
ރާއްޖޭގައި އީޔޫ ބިޒްނަސް ރައުންޑްޓޭބަލް އެއް ބޭއްވުމަށް ނިންމާ އެކަން އިއުލާނުކޮށްފައިވަނީ އޮގަސްޓް މަހުގައެވެ. މި ނިންމުމަކީ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންކަމާބެހޭ އެންމެ އިސް ވެރިޔާ ފްރެޑްރިކާ މުގުރިނީ ރާއްޖެއަށް ޒިޔާރަތްކުރެއްވި ދަތުރުފުޅުގައި ނިންމައި އިއުލާނުކުރި ކަމެކެވެ. މިއީ ރާއްޖެއަށް އިނގިރޭސިވިލާތުގެ ގައުމުތަކުން އިންވެސްޓްކޮށް، ދެ ފަރާތުގެ ދެމެދު ހިނގާ އެކި ވިޔަފާރިތައް ރަނގަޅު ކުރުމަށް ހުޅުވާލި ޕްލެޓްފޯމެކެވެ.