ތިމާވެށި

ގަވައިދާ ހިލާފަަށް ވެލި ނެގުމުގެ ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފަތޯނާ ފާއިޒު

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ގޮނޑުދޮށުން ވެލި ނެގުމުގެ ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް ވެލި ނެގުމުގެ ދެމައްސަލަ ވެސް ކުރިމަތިވެފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

އެ ދެ މައްސަލައަކީ، އިއްޔެ އެރަށު އިބްރާހީމް މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން 61 ބަސްތާ ވެލި ނެގި މައްސަލައަކާއި، މިއަދު ހަމަ އެރަށު ކުނި ކޮށްޓާ ދިމާ ގޮނޑު ދޮށުން 100 ބަސްތާ ވެލި ނެގި މައްސަލައެކެވެ. އެ ދެ މައްސަލަވެސް ފުލުހުންނަށް ހުށަހެޅި، މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އަދި އެހެނިހެން ބޭނުންތަކަށްވެސް ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެލި ނެގުމުގެ ގާނޫނު" އަދި "ގަލާއި ވެއްޔާ އަކިރި ބޭނުން ކުރުމުގެ ގަވައިދު"ގެ އިތުރުން، "ދިވެހި ރާއްޖޭގެ ރަށްރަށާއި، ފަޅު ފުންކުރުމުގެ ގަވައިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭއިން ވެލި ނަގަން ހުއްދަ ދޭ ތަންތަނުން ކަމަށެވެ.

މީގެ އިތުރުން އުސޫލުން ބޭރުން ވެލި ނަގާ ފަރާތްތަކާމެދު އީޕީއޭއާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.