ޚަބަރު

ކެލައިން ގަވާއިދާ ހިލާފަށް ރުށްގަސް ނަގަމުން ދިޔަ ބަޔަކު ހުއްޓުވައިފި

އާނިފާ ހުސެއިން ސިރާޖް

ހއ. ކެލާ އިން ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ރުށްގަސް ނަގަމުން ދިޔަ ބަޔަކު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްޓުވައިފިއެވެ.

ރުށްގަސް ކެނޑުމާއި ނެގުމާއި އެހެން ތަންތަނަށް ގެންދިއުމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީި އަދި އީޕީއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންވަޔަރަމެންޓް މިނިސްޓްރީ އަދި އީޕީއޭ އިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން ހއ. ބާރަށް އަދި އެ އަތޮޅު ކެލާގެ އިތުރުން ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައްސަލަ ފެންމަތިވެފައިވާއިރު، ކެލާގައި އަމިއްލަ ފަރާތްތަކުން ގަވާއިދާ ހިލާފަށް ރުށްގަސް ނެގުމުގެ މަސައްކަތް ކުރަނިކޮށް އެކަން ހުށްޓުވާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ބާރަށުން ރުށްގަސް ނަގަމުން ދަނީ ހުއްދަ ދީފައިވާ ސަރަހައްދުން ގަވާއިދާ އެއްގޮތަަށް ކަމަށް ބުނެފައިވެއެވެ.

އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ ޕްރޮޖެކްޓްތަކަށް ރުށްގަސް ނެގުމަށް ހުއްދަ ދެނީ އީއައިއޭ ރިޕޯޓު ދިރާސާކޮށް ބެލުމަށް ފަހު އެ ޕްރޮޖެކްޓަކަށް ބަޖެޓުގައި ފައިސާވެސް ހަމަޖައްސާފައިވާ ކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ.

މަޝްރޫއު ތަކަށް ރުއްގަސް ނަގަން ޖެހޭނީ ގާނޫނުގައި ހުއްދަ ދީފައިވާ މިންވަރަށް ކަމަށާއި މިއަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރުށްގަސް ނެގުމުގެ ސަބަބުން ދެ ކައުންސިލަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ނަމަވެސް ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެ ކަން ފާހަގަކޮށް ބައްދަލުވުމުގައި ބުނީ ޕްރޮޖެކްޓް އެޕްރޫވް ކުރަނީ އޭގެން ތިމާވެއްޓަށް ގެއްލުން ލިބުނު ނަމަވެސް ރައްޔިތުންނަށް ލިބޭ ލާބަ ބޮޑު ނަމަ ކަމުގައެވެ.