މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ހަތަރު ކޯޒްވޭ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭ ހަދަން ހަވާލު ކޮށްފި

ފަތޯނާ ފާއިޒު

ހަތަރު ކޯޒްވޭ މަޝްރޫއުގެ ޑިޒައިނާއި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު އިންސާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ދެމެދު އަޅާ ކޯޒްވޭއާ ގދ. ފަރަސްމާތޮޑާއާއި އެރަށު އެއަރޕޯޓާ ދެމެދު އަޅާ ކޯޒްވޭއާއި ގދ. މަޑަވެއްޔާއި އެއަތޮޅު ހޯޑެއްދޫއާ ދެމެދު އަޅާ ކޯޒްވޭގެ އިތުރުން މ. މުއްޔާއި އެއަތޮޅު ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތެވެ. އީއައިއޭ އަކީ މަޝްރޫއެއް ހިންގުމުން ތިމާވެއްޓަށް އެކަމުގެ ސަބަބުން ކުރާނެ އަސަރު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ.

ތ. ވޭމަންޑޫ–ތ.ކިނބިދޫ ކޯޒްވޭ މަޝްރޫއުގެ ޑީޓެއިލް ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 33 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް 185،000 ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މ. މުއްޔާއި ނާލާފުށީ ކޯޒްވޭ މަޝްރޫއުގެ ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 39 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަށް ހޭދަވަނީ 210،000 ރުފިޔާއެވެ.

ގދ.ފަރެސްމާތޮޑާއާ އެރަށު އެއާޕޯޓާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ ޑިޒައިން އަދި އީއައިއޭ ހަދަން އިންސާ ކުންފުންޏާ ހަވާލު ކުރީ 174،661 ރުފިޔާއަށެވެ. އެމަޝްރޫއު ނިންމަން އިންސާއަށް ދިނީ 80 ދުވަހެވެ.