އުމްރާގެ އަޅުކަން

އުސޫލަށް ބަދަލުގެނެސް އުމްރާއަށް މީހުން ގެންދަން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލަށް ބަދަލުގެނެސް އުމްރާއަށް މީހުން ގެންދިއުމަށް އެދުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ އުސޫލުގެ ފަސްވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ ކުންފުނިތަކުން އެކަނި ކަމަށެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ޑިރެކްޓަރަކީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހަކަށް ނުވަތަ ޕްރޮޕޯސަލް ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެ ދިޔަ ފަސް އަހަރު އެއްވެސް ޖިނާއީ ކުށެއްގެ ހުކުމް ސާބިތު ނުވާ މީހެއް ކަމަށް ވާން ޖެހޭނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

މާދަމައިން ފެށިގެން 16 އޮކްޓޫބަރުގެ ނިޔަލަށް ޕްރޮޕޯޒަލް ފޮތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ. ފޮތް ދޫކުރާނީ 08:00 އާއި 12:00 އާއި ދެމެދު ކަމަށާއި، ޕްރޮޕޯސަލް ފޮތެއްގެ އަގަކީ -/5000 ރުފިޔާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ވާނީ ''ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި'' މިހެން ސިޓީ އުރައެއްގެ ބޭރުގައި ޖެހުމަށް ފަހު އެ ސިޓީ އުރައިގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީއަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ޕްރޮޕޯސަލް ފޮތް ގަންނަ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މި މަހު 13 އިން ފެށިގެން 17 އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު މިނިސްޓްރީން ޕްރޮޕޯސަލް ބަލައިގަންނަން ވަނީ ހަމަޖައްސައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާއިރު މި އުސޫލުގެ ދަށުން ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ އުސޫލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިއާ ހިލާފަށް މިހާރު ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ. ކުރިން އުސޫލުގައި ވާގޮތުން ނަމަ މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތަށް އޮންނަ ފަސް މެމްބަރުންގެ ކޮމިޓީއަކުން ކުރާ މަސައްކަތެކެވެ.

މީގެ އިތުރުން ކުރިން ޕްރޮޕޯސަލް ހުށަހަޅާއިރު މައުލޫމާތެއް އުނިވާ ނަމަ ޕްރޮޕޯސަލް ބާތިލުވާ އުސޫލު މިހާރު ވަނީ އުވާލާފައެވެ. އޭގެ ބަދަލުގައި ޕްރޮޕޯސަލް ހުށަހަޅާ ކުންފުންޏަށް އެކަން އިސްލާހު ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އާ އުސޫލުގައި ވެއެވެ.

މިއަހަރު ޖެނުއަރީ މަހު ތެރޭ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާއި ބެހޭ އުސޫލު އާންމުކޮށްފައިވާއިރު މި އުސޫލަށް ފުރަތަމަ އިސްލާހެއް ގެނެސް މިދިޔަ ހަފުތާތެރޭ އެ އިސްލާހުތައް މިނިސްޓްރީ އިން ވަނީ ގެޒެޓުކޮށްފައެވެ.