ޚަބަރު

އުމްރާވެރިންގެ ކާޑަށް އިތުރު 1،500 ޑޮޮލަރު ހަމަޖައްސަން ބީއެމްއެލްއިން ނިންމައިފި

އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރު ލިމިޓެއް ހަމަޖައްސަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ބީއެމްއެލް އާއި އެމްއެމްއޭއަށް އެންގެވީ މި މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކާޑަށް ދޫކުރާ ލިމިޓް ބޭނުން ކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި ލިމިޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ، އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް އެ ކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން އެ ކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ބޭންކުން ބުންޏެވެ.

ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބުންޏެވެ.