ޚަބަރު

ކަޝްމީރުގެ މައްސަލާގައި އިސްލާމީ ގައުމުތަކުން ބަސް ބުނެވިގެންވާނެ ކަމަށް ނުދެކެން: ނަޝީދު

1

އިންޑިއާއަކީ ޑިމޮކްރަސީ އެއް ކަމަށާއި އެހެން ކަމުން އެގައުމުގެ އިސްލާމީ ހައްގުތަކުގެ ވާހަކަ އިސްލާމީ ގައުމުތަކަށް ދެކެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ދީފައިވާ ހާއްސަ އިމްތިޔާޒުތައް އެގައުމުގެ ސަރުކާރުން އުވާލުމަކީ، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް އިންޑިއާގެ ސަރުކާރަށް، މުސްލިމު ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ފާޑުކިޔާފައި ވަނިކޮށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ނަޝީދު ވިދާޅުވީ، ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ ނިންމުމާމެދު ރާއްޖެއަށް އެއްބަސް ނުވެވޭނެ ކަމަށެވެ.

"މި މައްސަލާގައި (ކަޝްމީރުގެ މައްސަލަ) އޯއައިސީއާއެކު ރާއްޖެއަކަށް ތާއީދެއް ނުކުރެވޭނެ. އޯއައިސީގައި ޑިމޮކްރަސީއެއް އޮތް ގައުމުތައް މަދު. އިންޑިއާއަކީ ޑިމޮކްރަސީއެއް. އެހެންކަމުން އިންޑިއާގެ އިންސާނީ ހައްގުތަކަށް އޯއައިސީން ބަސް ބުނެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ކަޝްމީރު ބަންދުކޮށް، އެ ސްޓޭޓްގެ މީހުން ހައްޔަރު ކުރަމުންދާ ދިއުމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، އެކަމަކީ އިންޑިއާ ސަރުކާރުގެ ތެރެއިން ހިނގަމުންދާ، އެގައުމުގެ ދާހިލީ ކަމެއް ކަމުން، އެކަމުގައި ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ 57 މެމްބަރު ގައުމުން ވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ޖިއްދާގައި ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށްފަހު އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އޮތައިމީން ވިދާޅުވީ އޯއައިސީ އޮތީ ޖަންމު އަދި ކަޝްމީރު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފަހަތުގައި ކަމަށެވެ.

އަދި ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ މަދުކޮށް، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަކުރަން ނިންމި ނިންމުމުގެ ސަބަބުން ކަޝްމީރުގެ ހަމަޖެހުން ގެއްލި ޓެރަރިސްޓް ހަމަލާތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިސްލާމީ ގައުމުތަކުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟