ށ އަތޮޅާއި ލ އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓުގައި އެ ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މި އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 3:45 އިން މިރޭ 9:45 އަށެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00އަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ކެރިގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެއެވެ.
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ.