ޝަހީދާ އަބްދުﷲ ސައީދު
މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، އަދި ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ލިޔެ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ އަމިއްލަ ފަރާތަކުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ހަމަ އެދުވަހު އިސްލާމިކް މިނިސްޓްރީން ވެސް އެ ރިޕޯޓްގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
އެގޮތުން އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ އިސްލާމްދީނާ ދެކޮޅު އަމަލުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.
އެހެންކަމުން އެފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން އެމްޑީއެންގެ މައްސަލާގައި ވެސް ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
''އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ރައްޔިތުންގެ އެންމެމަތީ މަސްލަހަތާ ގުޅިފައިވާ އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި ގުޅުންހުރި މައްސަލައެއް ކަމަށްވާތީ އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ގާނޫނީ ގޮތުން އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށް ވީހިނދު އެފަދަ އަމަލަކާ ގުޅިގެން މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރަމެވެ,'' ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދީނީ އަދި ގައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުންގެ އިދާރާއިން ފަސްޖެހުމެއްނެތި އަޅަމުންދާނެ ކަމަށް ވެސް ވެސް ބުނެފައިވެއެވެ.