ޝަހީދާ އަބްދުﷲ ސައީދު
އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކަކީ ބޭރުގެ ބަޔަކު ފަންޑުކޮށްގެން ހިންގާ ހަރަކާތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، އަދި ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ލިޔެ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން މިރޭ ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ، އެ ރިޕޯޓަކީ ބޭރުގެ ބަޔަކު ފަންޑުކޮށްގެން ރާއްޖޭގައި ހިންގާ ހަރަކާތެއް ކަމަށެވެ.
އަދި އެއީ ތައުލީމު ހާސިލު ކުރަމުންދާ ތުއްތު ކުދިންގެ ހިތްތަކުން އިސްލާމްދީން ފޮހެލުމަށް އަދި ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް މަޑުމަޑުން ހިންގަމުންދާ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
''މިހާރު މިހިނގާ ކަންތައްތަކުގެ ތެރޭގައި ބޭރުގެ ބައެއްގެ އަތެއްވޭ. އަޅުގަނޑަށް ހަމަ ކެރިގެން ދަންނަވަންކެރޭ އެބައެއްގެ ބޭނުމަކީ ދިވެހި ރާއްޖޭގައި އޮތް ސައްތައިން ސައްތަ އައިޑެންޓިޓީ ގެއްލުވާލުން. ހަމަކެރިގެން ދަންނަވަންކެރޭ މިހާރު މި ރިޕޯޓާއި ދެންހުރި ކަންތައްތަކުގެ ބޭނުމަކީ މަޑުމަޑުން ދިވެހިރާއްޖޭގެ ރައްޔިތުން ކަމަކަށް ހޭނުވުން ނުވަތަ ސުކޫލު ކުދިންގެ ހޭލުންތެރިކަން އެހެން ދިމާލަކަށް ލަންބުވާލުމަށް ބަޔަކު ހަމަ ފަހަތުގައި ފަންޑު ކޮށްގެން ހިންގާ މަސައްކަތްތަކެއްމީ،'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އެގޮތުން ތައުލީމީ މަންހަޖު ދިރާސާ ކުރަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، އެ މަސައްކަތުގައި ތިބީ އެކަމަށް އެންމެ ރަނގަޅު މީހުން ނޫން ކަމަށާއި މަންހަޖު ދިރާސާކޮށް ބަދަލުތަކެއް ގެނެސްފިނަމަ އޭގެ ސަބަބުން ވަރަށް ނުރައްކާތެރި ކަންކަން ހިނގާފާނެ ކަމަށެވެ.
އަދި އެމްޑީއެންގެ ރިޕޯޓް ނެރުނު ފަރާތްތަކަށް، ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގެ ދަށުން ދަށުން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށާއި ރިޔާސީ ކޮމިޝަންތައް ހަދައިގެން އެހެން މައްސަލަތައް ތަހުގީގުކުރާ ފަދައިން، ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮމިޝަނެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޖަމީލު ވަނީ މިރޭ ގޮވާލައްވައިފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މުސްލިމް ގައުމެއްގެ އެންމެ އިސް އަސާސީ ޒިންމާއަކީ ދީން ހިމާޔަތް ކުރުން ކަމަށްވީއިރު، ރިޕޯޓުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ކަމަށެވެ. އަދި މިހާރު އޮތް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ތެރެއިން އެފަދަ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ އިސް ފަރާތްތަކަށް ޖަމީލު ގޮވާލެއްވިއެވެ.
''ފުލުހުންގެ ގާނޫނުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ބުނާއިރު ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން ރިޕޯޓް ނެރުނު މީހުންގެ މައްސަލަތައް ފުލުހުންގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް ޖިނާއީ ތަހުގީގުކޮށް ގާނޫނު ތަންފީޒު ކުރަންޖެހޭނެ. މިފަދަ ކަންކަން މުޖުތަމައުގައި ހިނގާއިރު ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު ތަންފީޒު ނުކުރެވެންވީ، ކީއްވެތޯ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ފިޔަވަޅު ނޭޅެންވީ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެމީހަކު ބޭނުން ގޮތަކަށް ނޫޅެވޭނެ. އެއްވެސް ގައުމެއްގައި އެއްވެސް ދީނަކަށް ފާޑެއް ނުކިޔޭނެ،'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދީނާ ދެކޮޅު ވާހަކަތަކެއް ލިޔެ ރިޕޯޓެއް ނެރުމުން އޭގެ ބަދަލުގައި ސަރުކާރުން ނޫސް ބަޔާނެއް ނެރުމަކީ އެއީ ހައްލެއް ނޫން ކަމަށާއި އެވަރުން ނުފުދޭނެ ކަމަށެވެ.