ޚަބަރު

ސިޔާސީ މަންފާއަށް ދީން ހަތިޔާރަކަށް ހެދުމަކީ ކުރެވޭ އެންމެ ބޮޑު ފުރައްސާރަ: ނަޝީދު

ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އިސްލާމް ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، މާތް ﷲގެ ކުޅަދުންވަންތަކަމާއި ކީރިތި ރަސޫލާގެ އަބުރުފުޅާއި ޤަދަރާއި ކަރާމާތަށް އިހާނެތި ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްލާމްދީނަކީ އެންމެ ފުރިހަމަ އެންމެ މާތް އަދި އެންމެ ތަހުޒީބީ ދީން ކަމަށެވެ. ނަމަވެސް ދީން ހަތިޔާރަކަށް ހެދުމަކީ ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރަ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާ ކުރުން،" ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

މިއީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ފުރަތަމަ ޓުވީޓެވެ. ނަމަވެސް އެމަނިކުފާނުގެ ޓުވީޓްގައި އެމްޑީއެންގެ ރިޕޯޓާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ހިމަނާފައިވެއެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޖަމިއްޔާއަށް އަމާޒުވަމުންދާއިރު އެމްޑީއެން އުވާލުމަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ. ނަމަވެސް އެ ރިޕޯޓާމެދު އެމްޑީއެން އިން މިހާރު މާފަށް އެދި، ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ކަމަށް ބުނެ، އެ ރިޕޯޓު އެ ޖަމިއްޔާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.