ދީނަށް ފުރައްސާރަކުރުން ހުއްޓުވަން، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަދަބު ކަނޑައަޅައި، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ދީނީ އިލްމުވެރިން އިސްލާމިކް މިނިސްޓަރާ ބައްދަލުކުރެއްވީ، "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ފަރާތުން އާންމުކުރި ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު އެތައް ވާހަކައެއް ދައްކާފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލު އަފްރާހް ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި ބިލު އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ނަމަވެސް އެ ބިލް މަޖިލީހަށް ހުށަހަޅާނެ ވަކި ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް އަފްރާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދީނަށް ފުރައްސާރަކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގައި، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ވަހީ ބަސްފުޅުން ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި، ކީރިތި ރަސޫލާގެ އަބުރުފުޅާއި ޝަހްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، ހިމަނާފައިވެއެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޖަމިއްޔާއަށް އަމާޒުވަމުންދާއިރު އެމްޑީއެން އުވާލުމަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ. ނަމަވެސް އެ ރިޕޯޓާމެދު އެމްޑީއެން އިން މިހާރު މާފަށް އެދި، ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހު ކުރަން ކަމަށް ބުނެ، އެ ރިޕޯޓު އެ ޖަމިއްޔާއިން ވަނީ އަނބުރާ ގެންގޮސްފައެވެ.