ޚަބަރު

ބިރުދައްކައިގެން އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި އަންހެނެއްގެ ފޮޓޯތަކެއް ލީކު ކޮށްލާނެކަމުގެ ބިރު ދައްކައިގެން އޭނާއާއެކު ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފޮޓޯ ތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ، 19 އަހަރުގެ ދިވެހި އަންހެނަކަށް ބިރު ދައްކައި، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއްގައި ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 12:15 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ މާގިނަ މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ. ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.