ޚަބަރު

42 ބައުޒަރެއްގެ ސަލާމަތީ ކަންކަން ބެލިއިރު، މިންގަނޑަށް ފުރިހަމައަށް ފެތުނީ އެންމެ ބައުޒަރެއް

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި ތެޔޮ ސަޕްލައިކުރާ 42 ތެޔޮ ބައުޒަރު ބަލާ ފާސްކުރިއިރު ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރީ އެންމެ ބައުޒަރެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިހުރިތޯ ބެލުމަށް މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ތެޔޮ ބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބަލާ ޗެކްކޮށްފައިވާ ކަމަށެވެ.

މި ބަލާ ފަސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށްވުރެ ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށް، 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ތެޔޮ ބައުޒަރުތައް ބަލާ ފާސްކުރުމަށް ހިންގި މި ޕްރޮގްރާމްގައި އުޅަނދުގައި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކޮށްފައި ނެތުމާއި ބައުޒަރަށް ބޭނުންވާ އަލިފާން ނިވިތައް ނެތުމާއި ވެހިކަލްގެ ކޮންޑިޝަން ރަނގަޅަށް ބަލަހައްޓާފައި ނެތުންފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ.

ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަން ފެށީ، މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހުގައެވެ. އެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. އޭގެތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެ ހާދިސާގައި ހަތް މީހަކު ފިހިގެން ފަރުވާ ދިނެވެ.

އެ ހާދިސާއާ ގުޅިގެން ކަމާގުޅޭ މުއައްސަސާތަކުން ކުރި މަޝްވަރާތަކަށްފަހު، މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލްކޮށް، އާ ބައުޒަރު ރަޖިސްޓްރީ ނުކޮށްދޭން ވަނީ ނިންމައިފައެވެ. އަދި ވަގުތީ ގޮތުން މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް ޕާކު ނުކުރުމަށާއި އެއްވެސް ހާލަތެއްގައި ބަނދަރު ތޮށި ކައިރީ ތެޔޮ ބައުޒަރު ޕާކު ކޮށްފައި ނުބޭއްވުމަށް ވަނީ އަންގައިފައެވެ.