30 އަހަރުން ދަށުގެ އުމުރުފުރާގެ ބޭފުޅުން ހަޔާތް އާންމުގޮތެއްގައި ހޭދަކުރަނީ މަޖާ ކުރުމާއި، ދިރިއުޅުމުގެ އެކި ކަންކަން ދަސްކޮށް ޓެސްޓް ކުރުމަށް ނަމަވެސް 30 އަހަރު ވުމާއެކު ދިރިއުޅުމާ މެދު ސީރިއަސްވެ، ބާކީ އޮތް ދުވަސްތައް ދުޅަހެޔޮކޮށް އަދި އުފާވެރިކޮށް ބޭއްވުމަށް ކުރަންޖެހޭ ގިނަ ކަންކަން ކުރެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
- ދުންފަތުގެ އިސްތިއުމާލާ ދުރަށް ދިއުން - ދުންފަތުގެ އިސްތިއުމާލަކީ އެއްވެސް އުމުރު ފުރައެއްގައި ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެކަން ކުރާ މީހެއްނަމަ މިއީ އެކަން ހުއްޓާލަން އެންމެ މުހިއްމު ދަނޑިވަޅެވެ.
- ކޮންމެ ދުވަހަކު އެއްވަގުތެއްގައި ނިދާ ހޭލުމަށް އާދަކުރުން - އާންމު ގޮތެއްގައި ބަންދު ދުވަސްތަކަކީ ގިނައިރު ނިދުމަށް ގިނަ މީހުން އިހްތިޔާރު ކުރާ ދުވަސްތަކެކެވެ. އެދުވަސްތަކުގައި ލަހުން ނިދުމާއި އެހާ ލަހުން ހޭލުންވެސް އެއީ ވަރަށް ގިނަ މީހުންގެ އާދައެވެ. ނަމަވެސް މިއީ ކުރުން އެހާ ރަނގަޅު ކަމެއްނޫނެވެ. ބަންދު ދުވަސްތަކަކަސް ބަންދު ނޫނަސް އާންމުކޮށް ނިދާ ގަޑީ ނިދާފައި ހޭލާ ގަޑީގައި ތެދުވުމަށް އާދަކުރާށެވެ. އެހެން ނޫންނަމަ ހަށިގަނޑުގެ "ބޮޑީ ކްލޮލް" ރިސެޓް ކުރެވި އެދުވަހެއްގެ ބާކީ އޮތް ވަގުތުތަކުގައި އިތުރަށް ވަރުބަލިކަން އިހްސާސްވެގެން ދެއެވެ.
- ގަވައިދުން ކަސްރަތުކުރުން - ކަސްރަތު ކުރަނީ ކޮންމެހެން ހިކޭކަށް ނޫނެވެ. އަދި ތިއީ ކަސްރަތު ނުކުރާ މީހެއް ކަމަށް ވާނަމަ މިއީ ކަސްރަތު ކުރަން ފަށަންވީ އެންމެ މުހިއްމު ވަގުތެވެ. ކަސްރަތު ކުރުމަށް ވަގުތު ނުވާ މީހެއް ނަމަ ވީހާވެސް ގިނަ މޫވްމަންޓް ދުވާލެއްގެ މައްޗަށް ކުރާށެވެ. އެއީ ހިނގުން ކަމުގައި ވިއަސް، މޫދަށް ދިއުން ނުވަތަ ބައިސްކަލު ދުއްވުން ކަހަލަ ކުދި ކުދި ކަންކަން ކޮށްގެން ކަމަށް ވިޔަސް މޫވްމަންޓް ހަށިގަނޑަށް ގެންނާށެވެ. އުމުރުން 30ހުގެ ފަހުކޮޅު ހަށިގަނޑުގެ މަސިލް މާސް ގެއްލެއެވެ. އެހެންކަމުން އެކަމުން ރައްކާތެރިވުމަށް ގިނަގިނައިން ހަރަކާތްތެރި ވުމަކީ ވަރަށް މުހިއްމު ކަމެވެ.
- ޖަރނަލްއެއް ގެންގުޅޭށެވެ - ދިރިއުޅުމުގައި ދިމާވާ އުފާވެރި ކަންކަމާއި ދެރަވާ ކަންކަން، ކުރަން ބޭނުން ކަންކަމާއި، ލިބިފައިވާ ކާމިޔާބީ އަދި ނާކާމިޔާބީ ޖަރނަލް އެއްގައި ލިޔުމަށް އާދަކުރާށެވެ. މިގޮތަށް އިހްސާސްތައް ލިޔުމުން ސްޓްރެސްތަކުން ރައްކާތެރިވުމަށް އެހީއަކަށް ވެގެން ދެއެވެ.
- ރުފިޔާ ރައްކާކުރާށެވެ - ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ ވީހާވެސް ކުރީކޮޅު ފައިސާ ރައްކާ ކުރަން ފެށުމަކީ ކަމެއް ދިމާވާ ދުވަހަކުން ނުވަތަ މުސްކުޅިވާ ދުވަހު އެއަށް ބަރޯސާ ވާނެ ގޮތެއް ލިބިފައިވުމުގެ ފަހުރު ލިބޭނެ ކަމެކެވެ.
- ހުވަފެން ދެކޭށެވެ - ހުވަފެން ދެކުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ވަރަށް ފަސޭހަ ކަމެއްވެސް މެއެވެ. ނަމަވެސް އެހުވަފެން ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރުމަކީ އުނދަގޫ ވިއަސް ނުކުރެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ފަސޭހައިން ކުރުވޭނެ ވަރުގެ ކަމެއް ނުވަތަ މަސައްކަތަކަށް އަޒުމު ކަނޑައަޅާ ކުރެވޭތޯ ބަލާށެވެ. ކުދި ކުދި ކަންކަން ކާމިޔާބު ވާން ފެށުމުން ބޮޑެތި ކަންކަމަށް އަޒުމް ވަރުގަދަވެ ކާމިޔާބު ކުރުމުގެ ޖޯޝް އުފެދޭނެއެވެ.
- ލިބޭ މިންވަރަށް ޝުކުރު ކުރުން - އިންސާނާގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއްނޫނެވެ. ނަމަވެސް، ލިބޭ މިންވަރަށް ޝުކުރުކޮށް އަތުގައި ހުރި އެއްޗަކާމެދު ނުވަތަ އެވަގުތެއްގައި ދިރިއުޅޭ ހާލަތާ މެދު އަމިއްލައަށް ހިތްހަމަޖެހުން ހޯދުމުން ދިރިއުޅުން އިތުރަށް އުފާވެގެންދާނެއެވެ.
- ހުރިހާ އެންމެ ހިތްހަމަޖައްސައި ނުދެވޭނެކަން ޤަބޫލު ކުރާށެވެ - އުމުރުގެ ވަކި ހިސާބަކަށް ދެވުމުން އެކީ އުޅޭ ރައްޓެހިން ނުވަތަ އެންމެ ގާތް މީހުން އިހްތިޔާރު ކުރާއިރު އިތުރަށް ދެވަނަ ވިސްނުމަކަށް ދެވެއެވެ. މުހިއްމީ 1000 ރައްޓެހިން ތިބުމަށްވުރެ ތިމާ ދަންނަ ބަޔަކާ އެކީ ތިމާ ވަގުތު ހޭދާކުރާއިރު ހިތްހަމަޖެހުން ލިބޭ ފަދަ ބަޔަކާ އެކީ އުޅުމެވެ. އެއީ އެއްކަލަ 1000 އިން 10 މީހުން ކަމަށް ވިޔަސް މެއެވެ. ދިރިއުޅުމުގައި އެންމެން އުފާކޮށްދީ ހިތްހަމަޖައްސައިދީގެން އުޅުމަކީ ވާނޭ ކަމެއް ނޫނެވެ. ކޮންމެވެސް އެކަކު ކޮންމެވެސް ކަމަކާމެދު ހިތްހަމަ ނުޖެހޭ ވަތުތުތައް ދިމާވުމަކީ ވެދާނެ ކަމެކެވެ. އެހެން ކަމުން މިކަންކަން ދަނެގެން ތިމާއަށް އެންމެ އުވާފެރިވާނެ ގޮތަކަށް ދިރިއުޅުން ބައްޓަންކުރުން މުހިއްމެވެ.
- އެހެންމީހުންގެ ދިރިއުޅުމާ އަޅައި ނުކުޔުން - ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް ތަފާތު ދިރިއުޅުމެކެވެ. އެކި މީހުންގެ ހާލަތްތަކާ އެ ހާލަތްތައް ދިމާވާ ސަބަބުތައް ވެސް ތަފާތެވެ. އެކި މީހުނަށް ލިބިފައި ހުންނަ ހުނަރުތައް ވެސް ތަފާތެވެ. އެހެން ކަމުން ވަކި މީހެއްގެ ދިރިއުޅުމާ ތިމާގެ ދިރިއުޅުން އަޅުވައި ކިޔުމަކީ ތިމާއަށް ހިތްހަމަޖެހިގެން އުޅެން އުނދަގޫވާނެ ކަމެކެވެ. އެއަށްވުރެ އަމިއްލަ ދިރިއުޅުން އުޖާލާކޮށް ބާއްޖަވެރިކުރުމަށް ވަގުތު ހޭދަކުރުމުން ތިމާއަށް ލިބޭ ކުރިއެރުންތަކާ ހިތްހަމަޖެހުންތައް އިތުރުވެގެންދާނެއެވެ.
- ގޯސްކަމެއް ކުރެވުމުން މައާފްކުރާށެވެ - ކޮންމެ އިންސާނަކީވެސް ކުށް ކުރެވިދާނެ މީހެކެވެ. އަމިއްލަ އަށް ކުރެވޭ ކުދި އަދި ބޮޑެތި ކުށް ތަކަކީ އަމިއްލަ އަށް އެއަށް އިއުތިރާފްވެ މައާފު ކުރުން މުހިންމު ކަންތައްތަކެވެ. މިއީ އަމިއްލަ ހިތްހަމަ ޖެހުމަށް އަދި އަމިއްލަ ނަފްސުދެކެ ލޯބިވުމަށް ލިބޭނެ އިތުރު ބާރެކެވެ. އަދި ކުރެވިފައި ހުންނަ ކުށްތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ތަން ރަނގަޅު ކުރުމަށް ފުރުސަތު ފަހިވެ އަޒުމް ވަރުގަދަވާނެ ކަމެކެވެ.